މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކަށް ވެގެންދާނެކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީއެސްއެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

‎ނައިބު ރައީސް ވިދާޅުވީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަދި ނޫސްވެރިންނަށާއި މުޖުތަމައުގެ އެހެން އަފުރާދުންނަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމުގައެވެ. އަދި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ހިދުމަތުގެ އަގުވަޒަންކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

‎ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހްސާސްކުރެއްވޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ނިމިދިޔަ ރިޔާސީ އިންހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިގާލީ މަރުހަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް މަސައްކަތްޕުޅު ފެއްޓެވިކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.ނައިބު ރައީސް ވިދާޅުވީ ރައީސް ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން މީޑިއާތައް ހިންގުމަށް އޮތް ގޮންޖެހުމަށް ހައްލެއް ގެނައުން ކަމުގައެވެ.

އެގޮތުން ދައުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިހުސާސްވެވަޑައިގެން، ރައީސްގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަން އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސްގެ އިސްނެންގެވުމުގެ މަތިން މިކަމަށްޓަކައި ވަކި އުސޫލެއް ކަނޑައަޅުއްވައި، ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕާ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެ ކަމުގައެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

‎ނޫސްވެރިންނަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރަމުން ގެންދާ ބައެއްކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދައުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައެވެ. އަދި ގައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.