ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ގޭބީސީތަކުގެ ކަރަންޓު ބިލު ބޮޑުވާކަމަށާއި އަންނަ މަހުގެ ކަރަންޓު ބިލުވެސް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހުސައިން ފަހުމީ ވިދާޅުވީ ބިލު ބޮޑުވީ ސްޓެލްކޯއިން ކަމެއް ކޮށްގެން ނޫންކަމަށެވެ. މިދުވަސްވަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ ހޫނު ގަދަވި ދުވަސްވަރަށް ވާނެކަން ފާހަގަ ކުރައްވަމުން ފަހުމީ ވިދާޅުވީ ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ގޭބީސީތަކުގެ ކަރަންޓު ބިލު ބޮޑުވާކަމަށެވެ.

މޫސުމަށް އަންނަ ބަދަލު ނުވަތަ އެމްބިއެން ޓެމްޕަރޭޗާ ހޫނުވެފައިވާކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ހިސްޓްރީ ޕެޓާން ހުރި ގޮތުން މި މަހުގެ ކަރަންޓުގެ ބިލުގެ އިތުރުން އަންނަ މަހުގެ ކަރަންޓު ބިލުވެސް ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އިތުރަށް ފަހުމީ ވިދާޅުވީ ކަރަންޓު އިގްތިސާދުކޮށްގެން ނޫނީ ކަރަންޓު ބިލަށް އަރާ ވަރު ކުޑަކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މި ގޮތުން މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓު ބިލު ބޮޑުވުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކަރަންޓު އިގްތިސާދު ކުރުމަށް އާންމުން މިހާރަށްވުރެއްވެސް އަހުލުވެރިކޮށް ކެމްޕެއިންތައް ހިންގުމާއި، އިމާރާތްކުރާއިރު އެކަންކަމަށް ވިސްނުންކަމަށް ފަހުމީ ވިދާޅުވިއެވެ.

ސަރުކާރުން ރޯދަމަހުގެ ބިލަށް ޑިސްކައުންޓު ދިން ނަމަވެސް މި މަހު ބިލު ބޮޑުވުމާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު، މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ވަނި އަމާޒުވެފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މީގެކުރިން ފަހުމީ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވަނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، މިފަހުން ބިލުތައް ބޮޑުވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ބޭނުންކުރާ ކަރަންޓު އިތުރުވެގެންކަމަށެވެ.