މާލެއިން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު ހައްޔަރު ކުރި މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށް 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ގދ. ފިޔޯރީ ގަދަކޮޅިމާގެ އަހުޒަރު އަހްމަދުގެ މައްޗަށެވެ. އެމައްސަލާގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. މި ދައުވާއަށް އަހުޒަރު އިންކާރުކުރުމާ ގުޅިގެން ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ދިހަ ހެއްކެއް ހުށަހަޅާފައެވެ. އަދި ދައުވާ ލިބޭ އަހުޒަރުއަށް މި މައްސަލައިގައި ދިފާއީ ހެއްކެއް ހުށަހެޅިފައެއް ނުވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖެނުއަރީ 08، 2019 ވަނަ އަހަރު ކ.މާލެ، މ.ސެސްނާ ފިފްތު ފްލޯ 5ބީ އެޕާޓްމެންޓުގައި މަސްތުވާތަކެތި ރައްކާކޮށް، ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން އެ އެޕާޓްމެންޓު ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި އަހުޒަރު އަހްމަދުގެ ހާޒިރުގައި އެތަން ބަލާފާސްކުރިއިރު އެޕާޓްމެންޓުގެ ސިޓިން ރޫމްގައި ހުރި ސްޓޯ ރޫމެއްގެ ހަރެއްގެ މަތީބައިން ފެނުނުއީވް ގާމެންްޓް ކޮތަޅެއްގެ ތެރެއިން ނެގި ޖޫސްޕެޓީ ކޮތަޅެއްގޭ ތެރެއިން ފެނުނު 2 ކަރުދާސްގަނޑުގެ ތެރެއިން 1 ކަރުދާސްގަނޑުގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅެއްގެ ތެރޭގައި 99.8122 ގްރާމް ޑައިމޯފިން ހުރިކަމަށެވެ. އަދި އަނެއް ކަރުދާސްގަނޑުން ފެނުނު ޖޫސްޕެޓި ކޮތަޅުގެ ތެރޭގައި 99.8508 ގްރާމްގެ ޑައިމޯފިން ހުރިކަމަށް މި ހުކުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި މައްސަލައިގައި ދައުވާ ލިބޭ އަހުޒަރުގެ ކުޑަކަމުދާ ތަކެތި އޯޕިއޭޓްސް އަށް ޕޮޒިޓިވް ވެފައި ވާކަމަށް ދައުލަތުގެ ހެކިންގެ ހެކިބަހުން ސާފުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އިއްވި މި މައްސަލައިގެ ހުކުމުގައި ބުނީ ޝައްކެތްނެތް މިންވަރަށް ޑައިމޯފިން ޓްރެފިކްކުރިކަން ސާބިތުވާ ކަމަށާއި މި ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި އަހުޒަރު 17 ދުވަހަށް ބަންދު ކޮށްފައި ވުމާއެކު ކޯޓުން އިއްވި ހުކުމުގައި ވަނީ މި މުއްދަތު އަދަބުން އުނިކޮށް 24 އަހަރާއި 11 މަހާއި 13 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެެ. އަދި އޭނާ 100،000 ރުފިޔާއިން ޖޫރިމަނާކޮށް މި ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް މި ހުކުމުގައި ވަނީ އަމުރު ކޮށްފައެވެ.