އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމު ކުރުމަށް މިސްރުގައި ކުރިއަށް ދާ މަޝްވަރާ ތަކަށް އިޒްރޭލު ޓީމު ފުރުމާއެކު، ސުލްހަ ވެއްޖެ ނަމަ ނަތަންޔާހޫގެ ސަރުކާރު ވައްޓާލެ ކަމަށް ހަރުކަށި ވެރިން ބުނެ އިންޒާރު ކޮށްފިއެވެ.

ފާއިތުވެ 24 ގަޑިއިރުގެ ތެރޭގައި ވެސް ފަލަސްތީނުގެ 27 މީހަކު، އިޒްރޭލު ސިފައިން ޝަހީދު ކޮށްލާފައި ވާ އިރު، ރަފާގެ އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ޔަހުދީ ސިފައިން ދަނީ ތައްޔާރުވަމުންނެވެ. އަދި މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގެ ހުއްދަ އިޒްރޭލުގެ މިލިޓަރީ ޗީފް ދީފައި ވާ އިރު، އިޒްރޭލު ސިފައިން މިހާރުވެސް ގެންދަނީ ރަފާ އާއި ގާޒާގެ އުތުރަށް ހަމަލާ ދެމުންނެވެ.

އެއް ފަރާތުން ހަމަލަތައް ދެމުން އަނެއް ފަރާތުން ސުލްހައިގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމު މިސްރަށް ފުރި އިރު ހަމާސްގެ ޓީމެއްވެސް ވަނީ މިސްރަށް ދަތުރު ކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.

މިފަހަރުގެ ސުލްހައިގެ ވާހަކަތަކުގައި އިޒްރޭލުން ހުށަހަޅަނީ ހަމާސްގެ އަތް ދަށުގައި ތިބި ރަހީނުންގެ ތެރެއިން 30 މީހަކު ދޫކޮށްލުމަށެވެ. އެއާއެކު މުއްދަތަަަކަށް ހަމަލާތައް މަޑުޖައްސާލަން ހުށަހަޅާފައި ވެއެވެ.

ޖަވާބުގައި ހަމާސް އިން ބުނެފައި ވަނީ، ހަމަލާތައް މަޑުޖައްސާލައިގެން ނުފުދޭނެ ކަމަށާއި ހަމަލާތައް އެއްކޮށް ހުއްޓާލައި އިޒްރޭލު ސިފައިން ގާޒާއިން ފައިބަން ޖެހޭނެ ކަމަށެވެ.

މި މަޝްވަރާތަކަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ ބައިވެރިންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން މިވަގުތު ހުންނެވީ ސުލްހައިގެ ސުލްހައިގެ ވާހަކަތަކަށް މެދުއިތުމަރިން ބާރު ހޯދުމަށާއި ގާޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީ އިތުރު ކުރުމުގެ މަޝްވަރާތަކަށް ސައުދީގައެވެ. އޭނާގެ މިދަތުރަކީ ގާޒާގެ ހަނގުރާމަ އާ ގުޅިގެން މެދުއިރުމަތިން މަޝްވަރާ ކުރާ މިސްރާއި، ގަތަރު އަދި އިޒްރޭލަށް ކުރައްވާ ދަތުރުތަކުގެ ސިލްސިލާގައި ހިމެނޭ ދަތުރެކެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކަށް 6 މަސް ވެފައި ވާ އިރު، ޝަހީދު ކޮށްލި މީހުންގެ އަދަދު 34،454 އަށް ވަނީ އަރާފައެވެ. ޒަހަމްވި މީހުންގެ އަދަދު 77،575 އަށް އަރާ އިރު ގާޒާ އަކި 2.3 މިލިއަންގެ އާބާދީއެއް އޮތް ތަނެކެވެ. ހަމަލާތަކާހުރެ ގޮތް ހުސްވެ ސަލާމަތްތެރިކަން ހޯދަން ރަފާއަށް ވަދެ ތިބި މީހުންގެ އަދަދު 1.4 މިލިއަނަށް އަރައެވެ.

އިޒްރޭލުން މިހާރު ތައްޔާރުވަމުން ދަނީ އެއްގަމު މަގުން ރަފާއަށް އަރައިގަނެ ގަތުލުއާންމެއް ހިންގާށެވެ.