ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރިންނަށް ނުވަދެވުނުކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ އޮފީހުން ދޮގުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ނުވެއްދޭނެ ކަމަށް އެންގި ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ފަހުން ވަނީ ފޯނު ވެއްދުމުގެ ފުރުސަތު ދީފައެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ހާމަ ކުރަމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އަދި މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރިންވެސް ބައިވެރިވީ ފޯނާ އެކުކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި ރައީސް އޮފީހުން އަމަލު ކުރަމުންދާ ސެކިއުރިޓީ ޕްރޮޓޮކޯލަކީ އެކި ބައްދަލުވުންތަކަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ސެކިއުރިޓީއާ ފޯނު ހަވާލުކުރުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. ނަމަވެސް މިއަދުވެސް އަދި ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށްދާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސާދީފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ނޫސްވެރިންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ. އަދި މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ހަބަރުފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫންކަމުގައިވެސް ދަންނަވަމެވެ."
ރައީސް އޮފީހުން ނެރުނު ބަޔާން

ރައީސް އޮފީހުގެ އެ އަމަލު ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އެމްޖޭއިން ކަންބޮޑުވުންފާޅުކޮށް، މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ފޯނަކީ ނޫސްވެރިންނަށް ޒަރޫރީ އެއްޗެއް ކަމަށާއި ފޯނު ނުވެއްދުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތައް ބުރޫއަރާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށެވެ. އަދި ހަމައެހެންމެ މީގެ ކުރިންވެސް ރައީސް އޮފީހަށް ފޯނު ވެއްދޭ ކަމަށް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިވެސް ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯން ވެއްދެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އުސޫލަށް ބަދަލު ގެނެސް ފޯނު ނުވެއްދޭނެ ކަމަަށް މިއަދު ނޫސްވެރިންނަށް އަންގާފައެވެ. ނަމަވެސް މިހާރު ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދޭނެ އިންތިޒާމް ހަމަޖައްސާދީފައެވެ.