ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުން ލިބުނު 'ސުޕާ މެޖޯރިޓީ' ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވަނީ ސުޕާ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ގައުމަށް ތަރައްގީ ގެނެއުމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސުޕަ މެޖޯރިޓީ ބޭނުންކުރާނީ އެ އަމާޒު ހާސިލްކުރުމަށް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ 66 މެންބަރަކު ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި 11 ކެންޑިޑޭޓުންގެ ތެރެއިން 7 ކެންޑިޑޭޓަކު ވަނީ އިންތިހާބަށް ފަހު ޕީއެންސީއަށް ސޮއިކުރައްވާފައެވެ.
މި މެންބަރުންގެ އިތުރުން ޕީއެންސީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެންބަރަކު ހިމެނޭއިރު ސުޕަ މެޖޯރިޓީގެ އަދަދު 77 އަށް އަރައެވެ.
އެއާއެކު ސަރުކާރަށް މެޖޯރިޓީ ލިބުމާ ގުޅިގެން މީގެ ކުރިންވެސް ސަރުކާރުން ވަނީ މައިނޯރިޓީއަށް އިހުތިރާމް ކުރާނެކަން ހާމަ ކޮށްފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރީ ސަރުކާރުން މަޖިލީހުގެ ސުޕަ-މެޖޯރިޓީއާއެކު ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފެއިލްވި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފެނިގެން ދިޔައީ ސަރުކާރަށް ދަތިކުރުމުގެ މަސައްކަތް ކުރިތަން ކަމަށެވެ.
އެއާ ހިލާފަށް މި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުނު ކަމުގައި ވިޔަސް އޭގެ ނާޖާއިޒް ފައިދާ ނުނަގާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.