އެމްބިއުލެންސްގައި އޮކްސިޖަން ނުލިބިގެން 74 އަހަރުގެ އަންހެނަކު މަރުވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މި އަންހެން މީހާ އަކީ ތ. ކިނބިދުއަށް ނިސްބަތްވާ މީހެކެވެ. އޭނާ މަރުވެފައިވަނީ ފަރުވާ އަށް މާލެ ގެންދަން ތ. ތިމަރަފުށީ އެއާޕޯޓަށް ގެންދިޔަ މަގުމަތީގައެވެ.

މި އަންހެން މީހާގެ އާއިލާ މީހުން ތުހުމަތު ކޮށްފައިވަނީ އެ އަންހެން މީހާ މަރުވީ އެމްބިއުލާންސްގައި އޮކްސިޖަން ނެތުމުގެ ސަބަބުން ކަމަށެވެ. އާއިލާގެ މީހަކު މައުލޫމާތު ދިން ގޮތުގައި ވޭމަންޑޫ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތުމަށްފަހު ސީ އެމްބިއުލާންސްގައި ތިމަރަފުއްޓަށް ގެންދިޔައީ ވެސް އޮކްސިޖަން ގުޅައިގެންކަމަށެވެ. ނަމަވެސް، އެއާޕޯޓާ ހަމައަށް ދެވުނުއިރު އަންހެން މީހާ ތުރުތުރުއަޅަން ފެށުމުން އޮކްސިޖަން ބަދަލުކުރަން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެމްބިއުލެންސްގެ އޮކްސިޖަން މަސައްކަތް ނުކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޮކްސިޖަން ނުލިބިގެން، އިހުމާލުވުމުގެ ސަބަބުން މަރުވީ
އާއިލާ

އެ އަންހެން މީހާ ފަރުވާ އަށް އެންމެ ފުރަތަމަ ގެންދިޔައީ ވޭމަންޑު އަށެވެ. ނަމަވެސް އިތުރު ފަރުވާ ދިނުމަށް އެ ރަށުން ނިންމީ ފްލައިޓުގައި މާލެ ފޮނުވާލުމަށެވެ. އެހެންވެ، ވޭމަންޑޫން ވަގުތުން ތިމަރަފުއްޓަށް ފޮނުވާލީއެވެ. މި މައްސަލަ އާއި ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އަދި މި މައްސަލަ އާއި ގުޅިގެން ވޭމަންޑޫ ހޮސްޕިޓަލްގެ މެނޭޖަރު ހަސަން ޒިޔާދު ވިދާޅުވީ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ތިމަރަފުއްޓަށް ޓީމެއް ގޮސްފައިވާ ކަމަށާއި އެކަން ތަހުގީގުކޮށް ނިމުމުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.