ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އަދި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ، ރޯދަ މަހުގެ ކަރަންޓު އަދި ފެން ބިލާ ގުޅޭ ތަފްސީލް ދެއްވާފައެވެ.

ފަހުމީ ވިދާޅުވީ ރައީސްގެ ނިންމެވުމާ އެއްގޮތަށް، ރޯދަ މަހު ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަ މަހު ފޮނުވާ ބިލަށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓް ދީފައިވާ ކަމަށެވެ. އޭގެތެރޭގައި އަލަށް ކަރަންޓުލީ ފަރާތްތައް ވެސް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވ.

ރޯދަމުހުގެ ޑިމާންޑް ކާވްއަށް ބަލާއިރު ރޯދަ މަހު ޕީކްއާ އެހެން މަސްތަކުގެ ޕީކްއާ ތަފާތުކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ އެހެން މަސްތަކުގައި ޕީކް އުޅެނީ 12 އިން ފެށިގެން 2 އަކަށް އަދި ރޭގަނޑުގެ ވަގުތުގައި ކަމަށެވެ. ނަމަވެސް ރޯދަ މަހު ޕީކް އުޅެނީ ހަވީރު 4 އަކުން 6 އަކާއި ދޭތެރޭގައި ކަމަށެވެ.

ޖުމްލަކޮށް ބަލާއިރު ގިނަ ކޮންސިއުމަރުންނަށް ބިލް ކުރެވިފައި ހުރީ ރަނގަޅަށް ނަމަވެސް މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށުނު ދުވަހާއި ނިމުނު ދުވަހު ރީޑިން ނަގާ ހަމައެކަނި ރޯދަމަހަށް ބިލު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފަހުމީ ފާހަގަ ކުރެއްވިއެވެ. ފަހުމީ ވިދާޅުވީ ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ފެނާއި ކަރަންޓުން ދީފައިވާނެ ކަމަށެވެ.

މުއާޒް ވިދާޅުވީ ކަރަންޓުގެ ރީޑިން ނެގުމުގައި އަދި ބިލު ކުރުމުގައި މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި ބިލް ކުރަމުން ދިޔައީ ޔޫއާރްއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމަށާއި ރޯދަ މަހު ކަރަންޓު ބޭނުން ކުރި މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. މުއާޒް އިތުރަށް ވިދާޅުވީ ފެނަކައިން ޖުމްލަ 25 މިލިއަން ރުފިޔާ ޑިސްކައުންޓްގެ ގޮތުގައި ދީފައިވާ ކަމަށެވެ.

ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު/ ފޮޓޯ: ސޯޝަލް މީޑިއާ

ކަރަންޓު ބިލު ބޮޑުވެފައި ވަނީ ކަރަންޓު ބޭނުން ކުރާ އަދަދު އިތުރުވެގެން ގޮސްފައިވާތީކަން މުއާޒް އަދި ފަހުމީ ވެސް ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.