ސުލްހައިގެ މަގަށް ހަމާސް އާއި އިޒްރޭލު ގެންދިޔުމަށް ކުރަމުން ދާ މަސައްކަތުގެ ދަށުން އިޒްރޭލުން ހަމާސް އަށް ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
އިޒްރޭލުގެ ހުށަހެޅުމަކީ މީގެ ކުރިން ހަމާސް އިން އިޒްރޭލަށް ހުށަހަޅާފައި އޮތް ހުށަހެޅުމުގެ މައްޗަށް އިޒްރޭލުން ފެންނަ ގޮތް ހާމަ ކޮށް މިސްރާއި ގަތަރު މެދުވެރިކޮށް ދީފައިވާ ޖަވާބެކެވެ. އޭގައި އިޒްރޭލުން ކުރިންވެސް ޑިމާންޑް ކުރަމުން ގެންދާ ގޮތާ މާބޮޑުތަފާތެއް ނެތް ކަމަށާއި ނަމަވެސް ކުރިއާ ހިލާފަށް 30 ރަހީނުން ދޫކޮށްލުމަށް ބުނެފައި ވާ ކަމަށް ހަމާސްގެ އޮފިޝަލުން ބުނެއެވެ. ކުރިން އިޒްރޭލުން ހުށަހެޅީ 40 ރަހީނުން ދޫކޮށްލުމަށެވެ.
މި ހުށަހެޅުމާ ގުޅިގެން ހަމާސްގެ ޑެޕިއުޓީ ގާޒާ ޗީފް ހަލީލް އަލް ހައްޔާ ވިދާޅުވީ, ގާޒާގެ ރައްޔިތުންގެ ހައްގުތަކާއި މުހުތާދުތައް ފުދޭ ކޮންމެ ހިޔާލަކަށް ހަމާސް އިން މަޝްވަރާ ކުރަން ތައްޔާރު ކަމަށެވެ. ނަމަވެސް ކޮންމެ ޑީލެއް ހެދިނަމަވެސް އިޒްރޭލުން ގާޒާގައި ހިންގާ އުދުވާން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހައިގެ ވާހަކަތައް ހުއްޓިފައި އޮންނަތާ ހައެއްކަ މަސް ވާން ދާއިރު އަލުން މަޝްވަރާތަކަށް ދޮރު ހުޅުވިފައިވާ މިދަނޑިވަޅުގައި އެމެރިކާ ހިމެނޭހެން 17 ގައުމަކުން ވަނީ, ހަނގުރާ ހުއްޓާލުމާ ދިމާއަށް ދިޔުމަށްޓަކައި ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ އެންމެން ދޫކޮށް ލުމަށް ގޮވާލާފައެވެ.
މި ކަމާ ގުޅިގެންވެސް ހަމާސް އިން ރައްދު ދީފައި ވާ އިރު ބުނެފައި ވަނީ އެމެރިކާ އާއި ގުޅިފައި ވާ ފަރާތްތަކުން, ރަހީނުން ދޫކޮށްލުމަށް ގޮވާލިއިރު ހަމަލާތައް ހުއްޓާލައި ޔަހޫދީ ފައުޖުތައް ފޭބުމަށް ގޮވާލައިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހައިގެ ވާހަކަތަކަށް އަލުން މަގު ހުޅުވިފައި ވާ އިރު ގާޒާގެ އުތުރާއި މެދުތެރޭގައި ހުންނަ ހޮސްޕިޓަލްތަކަށް ހަމަލާދީ ފުނޑުފުނޑުކޮށްލުމަށް ފަހު އެތަންތަން ދޫކޮށް ދިޔަފަހުން އާންމުން ގޮސް ބަލައިފާސްކުރަނިކޮށް ފެނުނު ބޮޑު ކައްވަޅުން 400 މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ.
ޔަހޫދީ ސިފައިން އެސަރަހައްދުތައ ދޫކޮށް ދިޔައީ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމާޔަތް ހޯދައިގެން ތިބި މީހުންނާއި މެޑިކަން އޮފިޝަލުން ހިމެނޭހެން އެތައްބަޔަކު ދެއަތްފުރަގަހަށް ލައި ބަނދެ ކަނު ބަނދެ ބަޑިޖަހާ މެރުމަށްފަހު ރަބަރު ކޮތަޅަށް ލައި އެމީހުންގެ ހަށިގަނޑުތައް ހޮސްޕިޓަލްގެ ގޯތިތެރެއަށް އުކާ އެމީހުންގެ ގައިމައްޗަށް ވެލިއަޅާ ފޮރުވާލުމަށް ފަހުއެވެ.
ގާޒާގެ އާންމުން އެތަންތަނަށް ގޮސް ބަލައި ފާސްކުރަނިކޮށް ފެނުނު ހުރިހާ ހަށިގަނޑެއް ހުރީ ވެލިއަޅާ ފޮރުވައި ބިންގަނޑުވެސް އެއްވަރުކޮށްފައި އޮތް ބޮޑު ސަރަހައްދެއްގައެވެ.