ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލުގައި ކިޔަވާ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަން އެންގުމާއެކު، ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިލް ކަންކަމަށް ކުރިމަތިވެފައިވާ ހުރަސްތަކަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވަގުތީގޮތުން ގާއިމުކޮށްފައިވާ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް ކުށްލިގޮތަކަށް އެތަނުން ބަދަލުކުރުމަށް ނިންމުމާގުޅިގެން، ދަރިވަރުންނަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން އެ ކަންބޮޑުވުން އެ ދަރިވަރުން ފާޅުކުރަމުންގެންދާކަން ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މީޑިއާ އާ ހިއްސާކުރި ބަޔާނެއްގައި ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލުގެ ދަރިވަރުން ބުނީ، މެޑިސިން ސްކޫލުގައި ކިޔަވާ 200 އަށް ވުރެ ގިނަ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަށް އެންގީ މެޑިސިން ސްކޫލުގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ދިނުމަށްޓަކައި އައިޖީއެމްއެޗާއި ޔުނިވާސިޓީ އާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި ފަސް އަހަރު ބާކީ އޮއްވާ ކަމަށެވެ.
މެޑިސިން ސްކޫލުގެ ދަރިވަރުންގެ ފަރާތުން ބުނި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ އަށް ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާއިން ދަރިވަރުން ނުކުންނަށް އަންގާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި މި ފެށޭ ހަފުތާއިން ފެށިގެން ތަން ހުސްކުރުމުގެ މަސައްކަތް ފަށަން ޖެހިދާނެ ކަމަށް ދަރިވަރުންނަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ނިންމުން ނިންމާފައި ވަނީ ދަރިވަރުންނަށް ކްލާސްތައް ނަގައިދޭނެ އެއްވެސް ތަނެއް ނުދައްކާ ކަމަށާއި، ދަރިވަރުންނަށް ކްލާސްތައް ނަގައިދެމުން ދަނީ ޑިއުޓީކުރަމުންދާ އައިޖީއެމްއެޗްގެ އިސް ޑޮކްޓަރުން ކަމަށާއި، އެހެންވެ މި ނިންމުމުގެ ސަބަބުން ދަރިވަރުންނަށާއި ދަރިވަރުންނަށް ކިޔަވައިދެމުންދާ ޑޮކްޓަރުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް، ދަރިވަރުންގެ ފަރާތުން ވަނީ ބުނެފައެވެ.
2018 ވަނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލުގެ އަށްވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާ ހިންގުމަށް ގައުމީ ޔުނިވާސިޓީ އަށް ދޫކޮށްފައި ވަނީ މެޑިސިން ސްކޫލް ހިންގުމަށް ޓީޗިން ހޮސްޕިޓަލެއް ގާއިމްކުރެވެން ދެނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އަށްވަނަ އަދި 14 ވަނަ ފަންގިފިލާ އަކީ ބޮޑު ދެ ބެލްކަނީ ވެސް އެކުލެވިފައިވާ ތަންތަނަށް ވުމުން، އެތަނުގެ ސީއީއޯގެ ކެބިން ހަދަން އުޅޭ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އަދި އެތަނުގައި އިވެންޓް ހޯލެއް ހަދައިގެން އިތުރު މަންފާތަކެއް ހޯދުމަށް އުޅޭކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އާ ވާހަކަދެއްކި ދަރިވަރަކު ބުނީ، ގައުމީ ޔުނިވާސިޓީގެ މެނޭޖްމެންޓާ އެކު ދަރިވަރުން ބައްދަލުކުރުމުން، މިހާރު ބިންގާ އަޅާފައިވާ މެޑިކަލް ސްކޫލުގެ އިމާރާތުގެ މަސައްކަތް ނިމެންދެން އިތުރު ތިން އަހަރު މެޑިސިން ސްކޫލުގެ ދަރިވަރުން ބައިތިއްބައިދޭން ޔުނިވާސިޓީން އެދުނު ކަމަށް ޔުނިވާސިޓީން ބުނި ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން ރަސްމީ 'އެކްސް' އެކައުންޓުގައި އާންމުކުރި ނޫސްބަޔާނެއްގައި ގައުމީ ޔުނިވާސިޓީން ބުނީ، މެޑިކަލް ސްކޫލުގެ ކިޔެވުން ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން މިހާރު ނިންމާފައިވާ ކަމަށާއި މި ގޮތަށް ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް އާންމުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުންވާތީ ކަމަށާއި، އާންމުންނަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުން ދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު، މައި ކެމްޕަހުގައި ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަމެށް ބުންޏެވެ.