ބީއެމްއެލްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް 'ސްޓާފް އެވޯޑްސް' ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

ރޭ ކްރޮސްރޯޑްސް ގައި ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

- އެމްޕްލޯއި އޮފް ދަ އިޔާ އެވޯޑް: މުހައްމަދު ޝާއިގް އަހްމަދު (ކަސްޓަމާ ސާވިސް މެނޭޖަރު)

- ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް: ނައިފަރު ބްރާންޗް

- ބެސްޓް ލީޑާ އެވޯޑް: އަލީ ފާރިޝް ހަލީލް (ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން)

- ބެސްޓް މެނޭޖަރު އެވޯޑް: އަޒާން ރަޝީދު (ޓާމިނަލް މެނޭޖްމަންޓް ޔުނިޓް)

މީގެ އިތުރުން މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ޓީމާ ދޭތެރޭ ފަހުރުވެރިވާ ކަމަށާއި މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައި ދޭކަމަށެވެ. "އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން. ބޭންކު ކާމިޔާބީއާ ދިމާއަށް ދަތުރުކުރަނީ ތިޔަ މުވައްޒަފުންގެ ނަމޫނާ މަސައްކަތުގެ ސަބަބުން." ކާލް ސްޓުމްކަ ވިދާޅުވިއެވެ.

މީގެ އިތުރުން ކާލް ސްޓުމްކަ ވިދާޅުވީ ފާއިތުވި އަހަރު ބޭންކުން ރިކޯޑް ނަތީޖާއެއް ހޯދާފައިވާކަމަށާ މިއީ ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ބޭންކަށް ލިބުނު ފުރަތަމަ ފަހަރުކަމަށެވެ. އަދި މި ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުންކަން ކާލް ސްޓުމްކަ ވަނީ ފާހަގަ ކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމުގައި ވާއިރު އޭގެތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.