ގާޒާގައި އެމެރިކާއިން ހިތްވަރު ދީގެން އިޒްރޭލުން ހިންގާ ގަތުލުއާންމާ ދެކޮޅަށް އެމެރިކާގެ ބައެއް ކޮލެޖްތަކުގައި ކުރަމުން ދާ އިހުތިޖާޖުތައް ދިގުލައިގެން ގޮސްފައި ވާ އިރު ދަރިވަރުން ބުނަނީ އިޖުތިޖާޖު ކުރަނީ ގާޒާގައި ގަތުލުއާންމު ހިންގާތީ ކަމަށެވެ.
އެމެރިކާގައި ހުރި އެންމެ މަޝްހޫރު ކޮލެޖްތަކުގެ ތެރޭގައި ހިމެނޭ ކޮލަމްބިއާ، ހަވާޑް ފަދަ ޔުނިވާސިޓީތަކުގައި ކުރަމުންދާ އިހުތާޖު ދިގުލައި ގޮސްފައި ވާ އިރު ފުލުހުން ވަނީ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބައެއް ފެކަލްޓީތަކުގެ ޑީނުން ހައްޔަރުވެސް ކޮށްފައެވެ.
ޔުނިވާސިޓީގެ ގޯތިތެރޭގައި ދަރިވަރުން ޓެންޓްޖަހައި ކޭމްޕް ކޮށްގެން ތިބި އިރު އެކުދިން ފައްސާލުމުގައި ފުލުހުން ވަނީ ނާކާމިޠާބުވެފައެވެ. އިހުތިޖާޖުގައި ނަގާ ކިޔާ ގިނަ އަދަދެއްގެ ދރިވަރުން ހައްޔަރު ކުރި ނަމަވެސް ހުއްޓޭ ގޮތެއް ނުވެއެވެ.
އިހުތިޖާޖުގައި އިސްކޮށް އުޅޭ ކުދިން ބުނެފައި ވަނީ އިޒްރޭލުން ގާޒާ އަށް ބޮން އަޅާ އަދި އެއްގަމު މަގު ހަމަލާދީ ހިންގާ ގަތުލުއާންމު ހުއްޓުވަން ޖެހޭ ކަމަށާއި ޔުނިވާސިޓީތަކުގައި ކުރާ އިހުތިތާޖަކީ އެކަން ހުއްޓުވުމަށް ގައުމުތަކަށާއި އެމެރިކާގެ ސަރުކާރަށް ޕްރެޝާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
އެކުދިންގެ އެހެން ޑިމާންޑްތަކުގެ ތެރޭގައި އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓުވުމަށް ގޮވާލުންވެސް ހިމެނޭ އިރު އެމެރިކާ އަކީ އިޒްރޭލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމެވެ. ކޮންމެ އަހަރަކު އިޒްރޭލަށް ދޭ 3.8 ބިލިއަން ޑޮަލަރުގެ އެހީގެ އިތުރުން ހުސްވި ހަފްތާގައި ވަނީ 14 ބިލިއަން ޑޮަލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފައެވެ.
އެމެރިކާއަކީ އިޒްރޭލުގެ އެންމެ ގާތް އަދި ގާޒާ ހަނގުރާމައިގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ދޭ ގައުމަށް ވާއިރު، ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި މީގެ ކުރިން އެެމެރިކާގެ ބޮޑެތި ސިޓީތަކުގައި ބޮޑެތި މުޒާރަހާތައްވެސް ކޮށްފައި ވެއެވެ. އަދި އެމެރިކާ އާ ބައިވެރިވާ އިނގިރޭސިވިލާތް، ޖަރުމަން، ފްރާންސް ފަދަ ގައުމުތަކުގައިވެސް ބޮޑެތި މުޒާހަރާތައް ބާއްވާފައި ވެއެވެ.
މި މުޒާހަރާތަކާއި ދެކޮޅު ހެދުންތަކާއެކުވެސް އިޒްރޭލުން ބުނެފައި ވަނީ ހަމަލާތައް ނުހުއްޓާނެ ކަމަށާއި މިހާރު ތައްޔާރު ވަމުން ދަނީ ރަފާ އަށް އަރައިގަތުމުގެ އެންމެ ފަހު މަރުހަލާގެ ތައްޔާރީތައް ކަމަށެވެ.