އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، މިއީ އެސްޓީއޯގެ ތާރީހުގައި ލިޔެވިގެން ދާނޭ ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މި ފިހާރައިން ވެސް އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރި އެރުމަކާއި ފަސޭހައަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައި ދެއްވީ އެ ހަފްލާގެ ޝަރަފުވެރި މެހެމާނު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯޑު މެންބަރުންގެ ރޯލް ވަރަށް ބޮޑަށް ފަހާގަކޮށް އެކަމުގެ ޝުކުރު ދަންނަވާފައެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާ ދާއިރާއެއްގައި އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ.

މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަ ތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދޭ ކުންފުންޏެވެ.