ގަމު ދާއިރާގެ ކުލަ ބަދަލުކޮށްލާ، ތަފާތު ބޮޑު ފަރަގަކާއެކު ޕީއެންސީގެ ކެންޑިޑޭޓް ޔޫސުފް ނަޝީދު (ޔޫތު) ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ގަމު ދާއިރާއަށް ވަނީ ތިން ކެންޑިޑޭޓެއް ކުރިމަތިލައްވާފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވީ އަބްދުﷲ ޝަރީފްއެވެ. އަދި އަމިއްލަ ގޮތުން އަހުމަދު ޝަރީފް ވާދަކުރެއްވި ނަމަވެސް ބޮޑު ތަފާތަކު ޔޫތު ވަނީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.

ޔޫތު މި އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ވިސާމްއެވެ.

މީގެ ކުރިން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ގަމުން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައިވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މެޖޯރިޓީ ހޯދައިދެއްވާފައެވެ.

އިންތިހާބުގެ ތެރޭގައި "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ޔޫތު ވަނީ ކެމްޕެއިންގައި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.