ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އައްޔަންކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އިބްރާހީމް ހިލްމީ އައްޔަން ކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ގައެވެ.

ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، އިއްޔެ ގައި ރިޓަޔާކުރެއްވުމާއި ގުޅިގެންނެވެ.

އަބްދުއްރަހީމް ރިޓަޔާ ކުރައްވަން ނިންމެވީ މި މަހު އޭނާގެ އުމުރުން 60 އަހަރު ފުރުމުންނެވެ. ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.

1985 ފެބުރުވަރީ 18 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި އަބްދުއްރަޙީމް ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެ ޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ.

އިބްރާހީމް ހިލްމީ މިހާތަނަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ގައެވެ. އެހެންކަމުން އެމަގާމަށް މިއަދު ވަނީ މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު އިޔާޒް އައްޔަންކުރައްވާފައެވެ.