ކުޅުދުއްފުށި ސިޓީގެ ކަރަންޓް މައްްސަލަ ހައްލު ކުރެވެންދެން ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވަމުންދާނެ ކަަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެ ސިޓީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިިޓީން އެއްކޮށް ކަރަންޓު ކެނޑިފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ސިޓީގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދި ނަމަވެސް އެދުވަހު ސްޓެލްކޯގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސް މައްސަލަ ހައްލުކޮށް އެރޭ މުޅި ރަށަށް ވަނީ ކަރަންޓު ދީފައެވެ.

ނަމަވެސް ޖެހިގެން އައި އަންގާރަ ދުވަހުގެ ހެނދުނު އަނެއްކާވެސް މައްސަލައެއް ދިމާވެ މުޅު ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. އެކަމާ ގުޅިގެން ފަހުމީ ވިދާޅުވީ އެ ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު މާލެ އައިސްފައިވާ ކަަމަށެވެ.

އަދި އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ އަށް މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

"ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ. މިކަން ހާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން،". އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް މަހެއްވެފައިވާއިރު، މިދިޔަ ހަފްތާގައި އެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ކުޅުދުއްފުށިން ދަ ޕްރެސްއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އިހުތިޖާޖަށް ރައްޔިތުން ނުކުމެފައި ވަނީ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައި ނުދީ އީދަށް ރާއްޖޭގެ އެކިކަންކޮޅުތައް ބޮކިތަކުން ދިއްލާލާފައި ވާތީއެވެ. އަދި އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.