ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް 7 ރަށަކަށް ޖެންސެޓް ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

ފެނަކައިން ބުނީ ޖެންސެޓުތައް ކަސްޓަމުން މިހާރު ކްލިޔާކޮށްފައިވާ ކަމަށާއި ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

ޖެންސްޓް ފޮނުވާ ރަށްތައް:

  1. ބ. ކިހާދޫ 250 ކވ
  2. ނ. މާފަރު 400 ކވ
  3. ބ. މާޅޮސް 400 ކވ
  4. ރ. މާކުރަތު 400 ކވ
  5. ނ. ހެނބަދޫ 250 ކވ
  6. ރ. އަލިފުށި 600 ކވ
  7. ށ. މަރޮށި 250 ކވ. އެވެ.

ކަރަންޓުގެ މައްސަލަ މިދޭތެރެއަކުން ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ނިމިދިޔަ މަހެއް ހާ ދުވަހު ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ކުރިމަތިވެ އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. މި މައްސަލަ އާއި ގުޅިގެން ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެރަށަށް ގޮސް ވަނީ ކަރަންޓުގެ މައްސަލަ ހައްލުކޮށްދީފައެވެ.

ކަރަންޓުގެ މައްސަލަ އާއި ގުޅިގެން ރައީސް ޑރ. މުއިއްޒު "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ކުރެވުނު ސުވާލަކާ ގުޅިގެން ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗްތަކުގެ ހާލަތު ހުރީ ވަރަށް ދައްކޮށް ކަމަށާއި ހަމައެކަނި ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރާފައި އޮތީ އެކެނި ނޫންކަމަށެވެ. ފެނަކައިގެ ޖެން ސެޓް ތަކާއި އެކި އާލާތްތްތައް ހުރީ އެއްވެސް ވަރަކަށް މެއިންޓެނެސްގެ މަސައްކަތް ނުކޮށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.