ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ 'ކޮމިއުނިޓީ ފަންޑު' ގެ ދަށުން 4 ޕްރޮޖެކްޓެއް ކާމިޔާބު ކަމާއެކީ ނިންމާލާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އައްޑޫ ސިޓީ ހިތަދޫގައި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން 'ރަށްވެށި ޕްރޮގްރާމް' އެއް ބާއްވާފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަންތާ ސާވޭ ފީލްޑްޓްރިޕް ހިމެނޭހެން 1 މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ހިންގާފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމިއްޔާއިން ކުރަމުންދާ ރީސާޗް މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާއިރު ޖަމިއްޔާއިން ކަނޑުދަތުރުކުރާ ފަރާތްތަކާ އިންޓަވިއުކޮށް އެފަރާތްތަކަށް ކަނޑާ ގުޅޭގޮތުން ލިބިފައިވާ އަގުނުކުރެވޭނެ ފަދަ މައުލޫމާތުތައް ރެކޯޑުކޮށް އެކަންކަން ބަލާ އެކަމާ ގުޅޭ ރިޕޯޓެއް ޝާއިއު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑަމީ އިން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވުމަށް ކުޅިވަރާ ގުޅޭ ސާމާނުވަނީ ގަނެފައެވެ.މި ޕްރޮގްރާމުގެ ދަށުން އުމުރުން 6 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޯށްދޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެެ.

މ. މުލަކުގައި، އެރަށަށް ނިސްބަތްވާ ޖަމިއްޔާ ކޮމިއުނިޓީ އެމްޕަވަާމަންޓް ލިންކޭޖް ގެ ފަރާތުންވަނީ މުލަކު ސްކޫލުގައި ރީޑިން ޕާކެއް ތަރައްގީކޮށްފައެވެ. މި ޕްރޮޖެކްޓްގެ މަގްސަދަކީ ދަރިވަރުންގެ މެދުގައި ފޮތްކިއުމަށް ލޯބި އިތުރުކުރުންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް އިން ވަނީ ލައިފް ކޯޗިން އަދި ކެޕޭސިޓީ ޕްރޮގްރާމެއް އއ. އުކުޅަސް، ހއ. މާރަންދޫ އަދި ހއ. ތަކަންދޫގައި ކުރިޔަށް ގެންގޮސްފައެވެ. ބީއެމްއެލް އިން ބުނީ އަންހެނުންނަށް އަމާޒުކޮށް ހިންގި މި ޕްރޮގްރާމްގައި ވަނީ ސެލްފް އެމްޕަވާމަންޓް، ސްޓްރެސް މެނޭޖް ކުރުމާއި، ކޮމިއުނިކޭޝަން އަދި ޑިޖިޓަލް މާކެޓިން އަދި އިންޓްރޮޑަކްޝަން ޓު ބިސްނަސް ފަދަ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. މި ކޮމިއުނިޓީ ފަންޑުގެ ދަށުން ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓް ތަކާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީފޯރުކޮށްދެއެވެ.