ފަތުރުވެރިކަން ތަރައްގީ ކުރުމަށް އައްޑު އަތޮޅު ހަންކެޑޭ ހަވާލު ކުރި ޗައިނާގެ ނެޝަނަލް އިލެކްޓްރިކް އެންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އަކީވެސް މީގެ ކުރިން ބްލެކްލިސްޓް ކުރި ކުންފުންޏެއްކަން ހާމަވެއްޖެއެވެ.

ހަންކެނޑޭގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހަވާލު ކުރި ކުންފުންޏާއެކު އެ މަޝްރޫއުގެ ފެށުން މިރޭ އައްޑޫގައި ބާއްވާފައި ވާ އިރު, ޕްރޮޖެކްޓޫގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އެކުންފުނިން ވަނީ ބައިވެރިވެފައެވެ.

އައްޑޫގެ އިގްތިސޯދީ ލޭންޑްސްކޭޕް ބަދަލު ކޮށްލާނެ މަޝްރޫއެއް ކަމަށް ބުނެ ހަންކެޑޭ ތަރައްގީ ކުރަން ސީއެންއީއީސީ އާ މަޝްރޫއު ހަވާޅު ކުރީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.

ޖުމްލަ 149 މިލިއަން ޑޮލަރުގެ މި މަޝްރޫއު ހަވާލު ކުރިކަން މާޗް 2023 ގައި އޭރުގެ ސަރުކާރުން އިއުލާން ކުރި އިރުވެސް އެ ކުންފުނި ބްލެކްލިސްޓު ކޮށްފައި އޮތް ވާހަކަ ދެއްކިއެވެ.

މާލީ އިދާރާތައް ކަމަށް ވާ ވޯލްޑްބޭންކާއި އޭޑީބީ އަދި އެމެރިކާއިން ޗައިނާގެ ގިނަ ކުންފުނިތައް ބްލެކްލިސްޓު ކޮށްފައި ވާ އިރު ސީއެންއީއީސީ ބްލެކްލިސްޓު ކޮށްފައި ވާ ކަމަށް ބުނެފައި ވަނީ, ޒެމްބިއާގައި ހިންގި މަޝްރޫއެއްގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ތުހުމަތުތަކެއް އެކުންފުނީގެ މައްޗަށް ކޮށްފައެވެ. އޮކްޓޯބަރު 28, 2020 ގައި އެ ކުންފުނި ބްލެކްލިސްޓު ކުރި ކަމަށް ވޯލްޑްބޭންކުން އިއުލާން ކޮށް ބުނެފައި ވަނީ އެކަން ދެމިގެން ދާނީ 18 މަސް ދުވަހަށް ކަމަށެވެ.

މިދިޔަ 5 އަހަރު ރާއްޖޭގެ ވެރިކަން ކުރި އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް އިންޑިއާގެ އެކިއެކި ކުންފުނިތަކަށް ދިން ނަމަވެސް ހިނގަމުން މިދާ ސަރުކާރުގައި އެފަދަ ގިނަ ޕްރޮޖެކްޓްތައް ދެމުން ގެންދަނީ ޗައިނާގެ ކުންފުނިތަކަށެވެ.

ސީއެންއީއީސީ އަކީ ބްލެކްލިސްޓު ކުރި ކުންފުންޏަކަށް ވީ އިރު, ލ އަތޮޅު ތަރައްގީ ކުރަން ހަވާލު ކުރި ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އަކީ ވެސް ބްލެކްލިސްޓު ކޮށްފައި އޮތް ކުންފުންޏެކެވެ.

ވޯލްޑްބޭންކާއި އޭޑީބީގެ ބްލެކްލިސްޓުގައި މި ކުންފުނި ހިމެނިފައިވާ އިރު ބްލެކްލިސްޓު ކުރި މުއްދަތު އޮކްޓޯބަރު 2026 އަށް ދެމިއޮންނާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. އެ ކުންފުނިވެސް ބްލެކްލިސްޓު ކުރީ މާލީ މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހަދާކަމަށް ތުހުމަތު ކޮށްފައެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކަށް މާލީ އެހީދޭ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުރުން އެމެރިކާއިން ބްލެކްލިސްޓު ކުރި ލިސްޓުގައި ވެސް ޗައިނާގެ 50 އަށް ވުރެ ގިނަ ކުންފުނި ހިމެނެއެވެ. މި މައްސަލައިގައި ޗައިނާއިން ބުނެފައި ވަނީ ބްލެކްލިސްޓު ކުރަމުން ދަނީ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށެވެ.

މާލީ އިދާރާތަކާއި އެމެރިކާއިން އަދި ހުޅަނގުގެ ބްލެކްލިސްޓަށް ޗައިނާގެ ކުންފުނިތައް ލީކަމުގައި ވިޔަސް އެއީ އެކުންފުނިތަކާއެކު އެހެން ގައުމުތަކަށް މުއާމަލާތް ނުކުރެވޭ ސަބަބެއް ނޫނެވެ.

ހަންކެނޑޭގައި ތަރައްގީ ކުރާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކީ 2082 ބެޑް [ޓޫރިސްޓ އެނދު] އަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވާ މަޝްރޫއެކެވެ.