ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.

ފެނަކައިން ބުނީ މިއަދު ހެނދުނު ކުޅުދުއްފުށީގައި ހިންގަމުން އައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅިރަށުން ކަރަންޓު ކެޑުނު މައްސަލަ ހައްލުކޮށް މިރޭ 8:10 ގައި މުޅި ރަށަށް ކަރަންޓު ދެވި ކަރަންޓުގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން ފަހުމީ ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެރަށަށް ގޮސް ފެނަކައިގެ މުއައްޒަފުންނާއި ގުޅިގެން މިއަދު ކުރި މަސައްކަތުން ކަރަންޓު މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މިކުންފުނީގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި. ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން.
އެމްޑީ ފަހުމީ

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް މަހެއްވެފައިވާއިރު، މިދިޔަ ހަފްތާގައި އެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ކުޅުދުއްފުށިން ދަ ޕްރެސްއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އިހުތިޖާޖަށް ރައްޔިތުން ނުކުމެފައި ވަނީ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައި ނުދީ އީދަށް ރާއްޖޭގެ އެކިކަންކޮޅުތައް ބޮކިތަކުން ދިއްލާލާފައި ވާތީއެވެ. އަދި އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން، ބޭނުން ކުރަމުންދާ ޖެނެރޭޓަރުތަކަށް ލޯޑު ބޮޑުވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު ވަނީ މި މައްސަލަ ހައްލުކޮށްފައެވެ.