ބޮޑު ހަރަދުގައި އެމްޓީސީސީއިން ހެދި އާރްޓީއެލް ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުނުކޮށް އޮތުމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކަންބޮޑުވުންފާޅުކުރައްވައިފިއެވެ..
އަމީން މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މުލަކަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތާއި ނ، ރ އަދި ބ އަތޮޅަށް އާރްޓީއެލް ހިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ފެރީ ޓާމިނަލްތައް ހެދިފައިވާއިރު އެތަންތަން ކައުންސިލްތަކާ ހަވާލުނުކޮށް ހުރުމުން ކަންބޮޑުވުން ފާޅުކުރައްވާ އަމީން ވިދާޅުވީ ފެރީ ޓާމިނަލްތައް އަޅާފައި ހުރި ހަރަދު ވަރަށް ބޮޑު ކަމަށާއި ސަރުކާރުގެ ސަބްސިޑީގެ ތެރެއިން ނޫނީ އެ ރުފިޔާ ރިކަވާ ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެ ޓާމިނަލްތައްވެސް ކައުންސިލްތަކާ ހަވާލުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
އަމީން ވިދާލުވީ އާރްޓީއެލް ހިދުމަތަކީ ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ހިނގަމުންދާ ކަމަށާއި އާރްޓީއެލްގެ ހިދުމަތް އޮތީ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ކަމަށެވެ. އަދި މިހާރު 3 ޒޯނެއްގައި އެ ހިދުމަތް ދެމުންދާއިރު ބައެއް ކަންކަން އިސްލާހުވެސް ކުރަން ޖެހޭ ކަމަށާއި ބެލި ބެލުމުގައި އެ މަސައްކަތް ކުރެވިފައި އޮތީ އެންމެ ފުރިހަމަ ގޮތަކަށް އިންތިޒާމު ކުރެވިގެންނެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ސަރަހައްދަކަށް އާރްޓީއެލްގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
އަމީން ވިދާޅުވީ އެމްޓީސީސީއަށްވެސް އެކަމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ރޫޓުތަކަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އެކަމަށް އިތުރު ލޯންޗާއި ފައިސާ ބޭނުންވާއިރު ވަގުތު ނަގާނެ ކަމަށާއި ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި އެ ބަދަލުތައް ގެންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ނ، ރ އަދި ބ އަތޮޅުގައި އާރްޓީއެލް ހިދުމަތް މި އަހަރު ފެށިގެންދާނެ ކަމަށާއި އެންމެ ފުރަތަމަވެސް އާރްޓީއެލްގެ ހިދުމަތް އިއުލާންކުރިއިރު ފޭސް 2 ގައި ހިމެނެނީ ނ ރ ބ ޅ ނަމަވެސް ފޭސް 2 އިން ޅ އަތޮޅު ބަދަލުކޮށް ހިދުމަތް ފެށިފައި ވަނީ ކީއްވެކަން ނޭނގޭ ކަމަށެވެ. އަދި ޕްލޭނުން ބޭރުން އެކަންކަން ކުރުމުން އެމްޓީސީސީއަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އަމީން ވިދާޅުވިއެވެ.
ޑިޒައިން އެންޑް އޮޕަރޭޝަންގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު ލޯންޗުތައް ބަނުމުގެ މަސައްކަތް ކުރަމުންދަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ އެ މީހުންނާއެކު ހަދާފައި ހުރި އެއްބަސްވުންތައް ބަދަލުކޮށް އޮން ޑެލިވަރީގައި ޕޭ ކުރާ ގޮތަށް 2023 ގެ ފަހުކޮޅުގައި ކުއްލި ގޮތަށް ބަދަލުކުރުން ކަމަށެވެ. އެމަށް އެމްޓީސީސީއަށް ހައްލު ގެނެސްދޭން ޖެހޭ ކަމަށާއި އެކަންކަން ރާވަމުންދާކަން އަމީން ވިދާޅުވިއެވެ.