ހަފްތާއަކު ދެ ދުވަހު ދަތުރުކުރެވޭ ސްޕީޑް ފެރީގެ ހިދުމަތް މ އަތޮޅަށް ފަށަން ނިންމައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މުލަކަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތާއި ނ، ރ އަދި ބ އަތޮޅަށް އާރްޓީއެލް ހިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އަބްދުﷲ ޒިޔާދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި ރައްޔިތުން ވަރަށް ބޭނުންވާ އަދި ރައްޔިތުންނަށް މަޖުބޫރުވާ އެއްކަމަކީ ދަތުުރުފަތުރުގެ ނިޒާމު ކަމަށެވެ. އަދި ދިރިއުޅުމުގެ އާންމު ބޭނުންތަކަށް ދަތުރު ކުރެވޭނެ ގޮތް ތަކެއް ހަމަޖެހިފައި އޮތުން މުހިއްމުކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ހަމަ އެގޮތުން ސަރުކާރުން ވެސް މި ބޭނުންތައް ރައްޔިތުންނަށް ފުއްދައިދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށެވެ.

އަމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކާއެކުގައި މިއަދު ސޮއިކުރެވުނު އެ ނިންމުމަކީ މ އަތޮޅާއި މާލޭއާ ދެމެދު ހަފްތާއަކު ދެ ދުވަހު ހައި ސްޕީޑްގެ ފެރީގެ ދަތުރު ނިޒާމު ގާއިމުކުރުމުގެ ނިންމުމެއް ކަމަށެވެ. އަދި މިހާރުވެސް މ އަތޮޅުގެ ތެރޭގައި އެމްޓީސީސީއަށް ސަރުކާރުން ހަވާލުކޮށްގެން އިންޓާނަލް ދަތުރުކުރުމުގެ ނިޒާމު އެބަ އޮތް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ދަތިވާ އެންމެ ބޮޑު މައްސަލައަކީ މ އަތޮޅާއި މާލެއާ ދޭތެރޭގައި ދަތުރުކުރެވޭނެ ގޮތެއް ނެތުން ކަމަށެވެ. އަދި މ އަތޮޅުގެ ވަރަށް ގިނަ ފަރާތްތަކުގެ އެދުމާއެކުގައި ރައީސް ނިންމެވީ މި ވަގުތު ދެވެން ހުރި ފެސިލިޓީތަކުގެ ތެރެއިން އެކަން ގާއިމުކުރުން ކަމަށާއި އެ ދަތުރުތައް އިއުލާން ކޮށްގެން ފެށިގެން ދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އާރްޓީއެލްގެ ހިދުމަތްތަކާ ގުޅިގެން އެމްޓީސީއިން ބުނީ އާރްޓީއެލް ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ. އެކަމަަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ ވުޒާރާތަކާއި ގުޅިގެން ދަނީ ކުރެވެމުން ކަމަށާއި އެމްޓީސީސީއިން އާރްޓީއެލް ފެރީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ތަމްރީންތައް ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމްޓީސީސީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމަށެވެ.