ދިވެހި ބަހާމެދު ފިކުރު ކުރާ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާ ކުރަން ޖެހޭކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހި ބަހުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ. އެގޮތުން ރައީސް ވިދާޅުވީ މި ގައުމުގެ އެއްބައިވަންތަކަމާއެކު ފަސްގަނޑު ރައްކާތެރިކޮށްގެން އުފެއްދުންތެރި މަސައްކަތްތެރި އަދި ގުޅުންތެރި ބައެއްގެ ގޮތުގައި ދެމި ތިބުމުގައި ދިވެހި ބަހުގެ ދައުރު ފުޅާ ކަމަށެވެ.

އަދި ދިވެހި ބަހުގެ އަސަރު ވެސް ވަރުގަދަ ކަމަށާއި އެހެންވެ ދިވެހި ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް އެ ދުވަހުގެ ހައިބަތު ދިވެހި ދަރީންގެ ހިތްތަކުގައި މަތިވެރިކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އިލްމީ ދިރާސާތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މާދަރީ ބަހުން ވިސްނައި ފިކުރުކުރަން ދަސްވުމުން އެހެން ބަސްބަހާއި ޢިލްމުތަކަށް ލޯ ހުޅުވޭލެއް ފަސޭހަކަމަށާއި މާދަރީ ބަހަށް މޮޅު ކުދީން އެހެން ބަސްތަކަށްވެސް މޮޅު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު ބޭނުންވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރަން. އަޅުގަނޑު އެދެނީ ދިވެހި ބަހުން ދޫ ހިނގާ ގަލަން ހިނގާ ޒުވާނުންތަކެއް އުފެދެން. އަޅުގަނޑު ތަރުޙީބުދެނީ ދިވެހީންގެ ގައުމާއި ދިވެހި ރާއްޖެއަށް ރައްކާތެރިކަން އެދި ހިތްތަކާއި ލޯތައް ހުޅުވިފައިވާ ރައްޔިތެއް މި ޤައުމުގައި ތިބެން. އަޅުގަނޑު އިލްތިމާސް ކުރަނީ އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި ދިވެހި ބަހަށް ފަރިތަކަން ލިބިގަންނަން.
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ގައުމިއްޔަތު މާއްދާގެ ފިލާވަޅުތަކުން ކިޔަވާ ކުދީންނަށް ހެޔޮ އަސަރުތަކެއް ފޯރާނެ ކަމަށާއި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ކިޔެވުން ފެށުމުން ޒުވާނުންނާއި އާންމުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. ރައީސް ވަނީ ދިވެހިބަހުގެ ދުވަހަކީ ގައުމުގެ ހުރިހާ ދާއިރާއަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަހެއްކަން ފާހަގަކުރައްވައި ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް ތަބާވުމަށް އެދިވަޑައިގަންނަވާފައެވެ.