ސީރިއާގެ ވެރިރަށް ދިމިސްގު ގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން މިސައިލް ހަމަލާއެއް ދީ ގިނަ ބަޔަކު މަރާލި މައްސަލައިގައި ބަދަލު ހިފާނެ ކަމަށް އީރާނުން ބުނުމުން އެމެރިކާއިން އިންޒާރު ދީފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, އީރާނާއި އީރާނުގެ ބައިވެރިންގެ ކިބައިން އިޒްރޭލު ދިފާއު ކުރުމަށްޓަކައި ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށާއި އެމެރިކާ އޮތީ އިޒްރޭލާ އެކު ގަދަކޮށް ކަމަށެވެ.
އީރާނު ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާގައި އީރާނުގެ އަސްކަރިއްޔާގެ އިސް ދެ ޖެނެރަލަކާއި އިރު 11 މީހަކު މަރުވެފައި ވާ އިރު އީރާނުން ބުނީ ބަދަލު ހިފާނެ ކަމަށާއި އެކިއެކި ތަންތާނގައި ހުންނަ އިޒްރޭލުގެ އެމްބަސީ ތަކަކީ އަމާޒު ކަމަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް ސީދާ ތަފްސީލެއް އީރާނުން ދީފައެއް ނުވެއެވެ.
މިއިންޒާރާ ގުޅިގެން އިޒްރޭލުގެ ދިފާއީ ބާރުގައި ހިމެނޭ އެންމެން އެލާޓަށް ގެނެސް އިތުރު ރިޒާވް ސިފައިން ހިދުމަތަށް ނުކުތުމަށް އަންގާފައި ވާ އިރު މިހާރު އިޒްރޭލު ކައިރީގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް ވެސް ވަނީ އެލާޓަށް ގެނެސްފައެވެ.
އިތުރަށް އިޒްރޭލުން ބުނީ, އީރާނުގެ ފަސްގަނޑުން އިޒްރޭލަށް ހަމަލާއެއް ދީފި ނަމަ އީރާނަށް ހަމަލާ ދޭނެ ކަމަށާއި އެކަމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.
މުރާސިލުން ބުނާގޮތުން, އިޒްރޭލު ކިބައިން އީރާނުން ބަދަލު ހިފާނީ އީރާނުން މަދަދު ދޭ ހިޒުބުއްލޯ މެދުވެރިކޮށެވެ. ހިޒުބުއްލޯ އަކީ ހަމާސް އަށް ވުރެ އަސްކަރީ ގޮތުން ބާރުގަދަ ވަސީލަތްތައް ގިނަ ޖަމާއަތަކަށް ވާއިރު އެ ޖަމާއަތަކީ މިހާރުވެސް ލުބުނާނުގައި ތިބެ އިޒްރޭލަށް ހަމަލާ އަމާޒުކުރަމުން ދާ ޖަމާއަތެކެވެ.