އިންޑިއާ އާއި ޗައިނާ އިން ގެންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭ ގޮތް ހަދަން މަޝްވަރާކުރަން ނިންމައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މާވަށުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، މަދުވެގެން ދެ އަހަރު ތެރޭގައި ޑޮލަރު ލިބޭ ރޭޓް، ރަސްމީ ބޭންކް ރޭޓަށް ތިރި ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

ދިވެހި ރާއްޖެއިން ޗައިނާއާއެކު 720 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާއެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެ ވިޔަފާރީގައި ރާއްޖެ ގެންނަ މުދަލަށް ޑޮލަރު ނޫން ގޮތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހުމުގެ ހުރިހާ ސިގްނަލެއް ފެންނަމުންދާކަމަށެވެ.

މި ގޮތުން ސަރުކާރުގެ އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ އެކި ގައުމުތަކުން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ޗައިނާގެ ޔުއާންއިން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިތުރަށް ސައީދު ވިދާޅުވީ ޗައިނާގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރު ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ދައުވަތު ދީފައިވާނެ ކަމަށާއި މަސައްކަތް ކުރަނީ ކަރެންސީ ސުވޮޕް އެއްބަސްވުމެއް ހެދުމަށް ކަމަށެވެ. "ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައިވިއަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އަމާޒަކީ ދުނިޔޭގެ މަޝްހޫރު ހުރިހާ އީވޮލެޓެއް ރާއްޖެއަށް ގެނައުންކަމަަށެވެ. އެގޮތުން މިމަހު 14 ގައި އަލިޕޭ، އަދި ވީޗެޓުން ރަސްމީ ސިފައެއްގައި ވާހަކަދެއްކުމަށް ރާއްޖެ އަންނަކަމަށް ސައީދު ވިދާޅުވިއެވެ.