އަމިއްލަ ގޮތުން ތިމަރަފުށީ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓު އަހްމަދު ރިޔާޒްގެ ކެމްޕެއިން ޖަގަހަ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި ހުޅުވުމުން ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަ ކުރަން ޓިކެޓް ލިބުނު ކެންޑިޑޭޓު އިބްރާހިމް ސަނާހު (ސަންޓޯ)ގެ ސަޕޯޓަރުން އިހުތިޖާޖު ކޮށްފިއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ތިމަރަފުށީ ދާއިރާއަށް ސަންޓޯ ފިޔަވައި އިތުރު ކެންޑިޑޭޓެއް އެ ދާއިރާއަށް ކުރިމަތި ނުލުމުން ޕްރައިމަރީއަކާ ނުލައި ސަންޓޯ ވަނީ ޕީއެންސީގެ ޓިކެޓު ކާމިޔާ ކޮށްފައެވެ.

ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި ހަދާފައިވާ ރިޔާޒްގެ ޖަގަހަ ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އަދި ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލްއެވެ. 2 މިނިސްޓަރުން ޖަގަހަ ހުޅުއްވައިދެއްވީ ސަންޓޯގެ ސަޕޯޓަރުން ޖަގަހަ ދޮށަށް އެއްވެ އިޖުތިޖާޖު ކުރަމުން ދަނިކޮށް ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.

އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ ޖަގަހަ ޕީއެންސީ ޖަގަހައެއްގެ ގޮތުގައި ނުހުޅުވޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓު ސަންޓޯއަށް ތާއީދު ކުރުމުގެ ބަދަލުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ރިޔާޒްއަށް ސަރުކާރުން ސަޕޯޓް ކުރަމުންދާތީ އިހުތިޖާޖުގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ސަންޓޯ ވެސް ވަނީ މި އިހުތިޖާޖުގައި ބައިވެރިވެވެފައެވެ.

ރިޔާސީ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަށަށް ވަޑައިގެން ޕީއެންސީ ޖަގަހަ ހުޅުވައިދެއްވާފައެވެ. އަދި އެކަން ފާހަގަ ކޮށް ސަންޓޯ ބުނެފައި ވަނީ ޕީއެންސީގެ އިތުރު ޖަގަހެއް އެ ރަށުގައި ނުހުންނާނެ ކަމަށެވެ. އަދި ބަގާވާތްކޮށް ރަށުގެ މަސްލަހަތު ނަގާލަން ނޫޅުމަށް އޭނާ ވަނީ ގޮވާލާފައެވެ. ސަންޓޯ ބުނީ ޕީއެންސީގެ އެ ދާއިރާގެ ކެންޑިޑޭޓު އަދި އެ ދާއިރާގެ ރައީސްއަކީ ވެސް އޭނާ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު ސަޓޯގެ ބަދަލުގައި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓް ރިޔާޒްއަށް ތާއީދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރިޔާޒަކީ، އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެއެވެ.