ދިވެހިރާއްޖޭގެ ސްކޫލެއްގައި ހަދާ އެންމެ ފުރަތަމަ ލެންގުއޭޖް ލެބްގެ އިތުރުން ޒަމާނީ ގިނަ ވަސީލަތްތަކާ އެކު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އާ އިމާރާތުގެ ބިންގާ އެޅުމުގެ ކުރިން މި މަޝްރޫއު ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ރޭ ވަނީ ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއީލް ޝަފީއު ގެ އިތުރުން ޑިފެންސް މިނިސްޓަރު އަލީ އިހްސާން އާއި ސަރުކާރުގެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ 40 ކްލާސްރޫމްގެ ފޭދޫސްކޫލް ވެގެން ދާނީ މުޅި ރާއްޖެއިންވެސް ފާހަގަކޮށްލެވޭ ތަފާތު ސްކޫލަކަށް ކަަމަށެވެ. މި ގޮތުން މި ސްކޫލުގައި ރާއްޖޭގައި ހެދޭ އެންމެ ފުރަތަމަ ލެންގުއޭޖް ލެބްގެ އިތުރުން ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާފް ފުޓުބޯޅަ ދަނޑެއްވެސް ތަރައްގީކުރެވިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޓީޗަރުންންނަށް، އެމީހުންގެ ދަރިން ގޮވައިގެން ސްކޫލް މާހައުލުގައި އުޅެވޭނެ ގޮތަށް ޑޭ ކެއާ ސެންޓަރެއް ހެދުމަށް ނިންމާފައިވާއިރު މިއީ ވެސް މުޅިން އަލަށް ރާއްޖޭގެ ސްކޫލެއްގައި ގާއިމުވެގެން ދާ ހިދުމަތެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ފޭދޫ ސްކޫލުގެ އަލަށް އެޅޭ އިމާރާތާއެކު އެ ސްކޫލަކީ މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭނެ ސްކޫލަކަށް ވެގެންދާނެކަމަށާއި އަދި އެންމެ ޒަމާނީ ހިދުމަތްތަކުގެ އިތުރުން އާ ގިނަ ކަންކަން ތައާރަފްވެގެންދާނެ ސްކޫލަކަށް ވެގެންދާނެކަމަށެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލުކަމުގައިވާ ފޭދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރެވިފައިވަނީ 480 ދުވަސްތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 145،292،400 ރުފިޔާއެވެ.