ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމު ކުރުމަށްޓަކައި މިސްރުވެ ވެރިރަށް ގާހިރާގައި ކުރިއަށް ދިޔަ ވާހަކަތަކުން ނަތީޖާއެއް ނުނިކުމެ ނިމިއްޖެއެވެ. އިތުރު މަޝްވަރާތަށް އަދި ކުރިއަށް އޮތް އިރު މިއަދުގެ ބައްދަލުވުމާ ބެހޭ ގޮތުން ހަމާސްގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައި ބުނީ, އިޒްރޭލުން ގާޒާއިން ފައިބަން އެއްބަސް ނުވާ ކަމަށާއި މަޝްވަރާތަކުން ވަކި އިތުރު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
އިޒްރޭލުގެ އޮފިޝަލުންވެސް ބުނެފައި ވަނީ މާ އާދަޔާ ހިލާފު ކަމެއް ނުހިނގާ ކަމަށާއި ދެފަރާތުގެ ދެމެދުގައި ސުލްހަ އަށް އޮތް ރާސްތާ ވަރަށް ދުރުކަމަށެވެ.
ނަމަވެސް އިޒްރޭލުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައި ވާ ގޮތުން އަދި ކެތްތެރިވާން ޖެހެއެވެ. އަދި އުއްމީދެއް އޮތް ކަމަށާއި ނަމަވެސް އަދި އެހިސާބަށް ނުދެވޭ ކަމަށް ބުނެފައި ވެއެވެ.
އިޒްރޭލުގެ ޑިމާންޑަކީ ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ކުރުމެވެ. ހަމާސްގެ ޑިމާންޑަކީ އިޒްރޭލުން ގާޒާއިން ފޭބުމެވެ.
ސުލްހައިގެ ވާހަކަތަކުގެ މި ބުރު ނިންމާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނީ, ރަފާ އަށް އެރުން ފައިނަލް ކަމަށާއި އަރާނެ ތާރީހުވެސް ނިމިފައި ވާ ކަމަށެވެ. ނަމަވެސް އޭނާ ތާރީހެއް ހާމައެއް ނުކުރެއެވެ. މި މައްސަލަގައި އެމެރިކާއިން މިއަދު ބުނީ އިޒްރޭލުން ރަފާއަށް އަރަން ތާރީހު ނިންމި ނަމަވެސް އެމެރިކާއަށް އެމައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށިފަހުން މިވީ 6 މަސް ދުވަހުގެ ތެރޭގައި މިހާތަނަށް 33,000 މީހުންގެ ފުރާނަ ދުއްވާލައިފިއެވެ. އެމެރިކާ އާއި ބައިނަލްއަގުވާމީ ތިންކްޓޭންކް ތަކުން ބުނަމުން ދަނީ, އިޒްރޭލުގެ މަގުސަދަކީ ހަމާސް ކަމަށް ވާ އިރު, މިހާރު ކުރާ ހަނގުރާމަ އަކީ އެ މަގުސަދު ހާސިލުވާ ހަނގުރާމައެއް ނޫން ކަމަށެވެ. އެއާ ހިލާފަށް ހަމަލާ އަމާޒު ކުރަނީ އާންމުންނާއި ގާޒާގެ އިންފްރާސްޓްރަކްޗަރަށް ކަމުން އިޒްރޭލުގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް ބުނެފައި ވެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮމާގެ ވެރިކަމުގެ ހާރިޖީ ވަޒީރާއި އިތުރު އޮފިޝަލުން ވިދާޅުވާ ގޮތުން އެމެރިކާއިން އުސާމާ ބިން ލާދިން ހޯދާ އޭނާ މަރާލަން ހިންގި އޮޕަރޭޝަނުގައި އާންމު ރައްޔިތުންނާއި އަފްގާނިސްތާނުގެ އިންފްރާސްޓަރަކު ފުނޑުފުނޑު ކޮށެއް ނުލައެވެ. އަހަރުތަކެއް ނެގި ނަމަވެސް އެމެރިކާ ދިޔައީ އުސާމާގެ ފަހަތުން ކަމަށާއި ފާރަލައި މަރާލީ އޭނާ ކަމަށެވެ.
އިޒްރޭލަށް ވެސް އެގޮތް އޮތް ކަމަށް ވިދާޅުވެ އެ އޮފިޝަލުން ވަނީ, އިޒްރޭލުގެ މަގުސަދަކީ ހަމާސް ކަމަށް ވާނަމަ ހަމާސްގެ ލީޑަރުން ހޯދުމަށެވެ. އެކަމުގައި އާންމުންނަށް އަދަބު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެއެވެ.
އިޒްރޭލުން ގާޒާގެ ހަނގުރާމަ އަވަހަށް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ އިރު އެންމެ ފަހުން ހާމަ ކުރި އަދަދުތަކުގައި މިހާތަނަށް އިޒްރޭލުގެ 600 ސިފައިން ވަނީ މަރުވެފައެވެ. އެއީ ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
މިއަދު ގާއިހާގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން މިސްރުގެ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ، އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ. ނަމަވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.