މި އަހަރުގެ ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރާ މަސައްކަތަކީ ދީނީ އަދި ގައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި ސްޓެލްކޯގެ އެމްޑީ ހުަސައިން ފަހުމީ ފާހަގަ ކުރައްވައިފިއެވެ.
ފަހުމީ ވިދާޅުވީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މި އަހަރު ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. މި ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރަމުންދާ މަސައްކަތަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ހަމައެއާއެކު މިއީ އީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީހުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަންނަން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއްގެ ގޮތުގައި މި މަސައްކަތް ފަހުމީ ސިފަ ކުރެއްވިއެވެ.
މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރާ މަސައްކަތުގައި ސްޓެލްކޯއިން އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ލީޑަޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށް ވެސް ލިބޭ ފަހުރެއްގެ ގޮތުގައި ފަހުމީ ފާހަގަ ކުރެއްވިއެވެ.
މިދިޔަ އަޟްހާ އީދާ ދިމާކޮށް މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހުންނެވިއިރު ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލާފައެވެ. އަދި ބައެއް ގިޑިގެ ތަކުގެ މަތީގައި "އީދު މުބާރިކް" ޖަހާފައިވެއެވެ.
ވެރިކަމަށް އިންތިހާބުވެވަޑައިގެން ސޯސަލް ސެންޓަރުގައި ފުރަތަމަ ބޭއްވި ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވަނީ ގައުމުގައި އިސްލާމްދީނަށް ނަސްރުދޭ އިސްލާމީ ވަންތަކަން ދިރުވާ އާލާ ކުރާ މުޖުތަމައު އަކަށް ހަދަން ކޮންމެ މީހަކުވެސް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އިހުސާސް ވެވަޑައިގަތީ މާލެ ސިޓީގައި އީދު ދުވަހު ބޮކި ދިއްލާ ތަކުބީރު އިއްވުމުން ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅު ކުރަމުން ދިޔަ ޝުއޫރުތަކާއި ނަގަމުންދިޔަ ސެލްޕީތަކާއި އެކިއެކި މީހުންނާ ބައްދަލުވެވަޑައިގަތުމުން ދެއްކި ވާހަކަތަކުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ދެން އަންނަ ކޮންމެ އީދަކަށް ރާއްޖޭގެ ހުރިހާ ސިޓީތަމާއި ވެރިކަން ކުރާ ރަށްތަކުގައި އެެކަން ކުރައްވާނެ ކަމަށާއި ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެހެން ރަށްތަކުގައި ވެސް އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.