ސިޔާސީ ހުރިހާ މަސައްކަތެއްގައި އެންމެ ބޮޑަށް އެހީތެރިވެ ދެއްވި ބޭފުޅަކީ ސްޕެޝަލް އެޑްވައިޒަރު ނުވަތަ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވާ އަދުރޭގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މިރޭ ރައީސް ވިދާޅުވީ, 100 ޕަސެންޓް އިތުބާރު އޭނާ އަށް އޮތް ކަމަށާއި ސިޔާސީ މަސައްކަތުގައި ދިމާވި ހުރިހާ ކަމެއްގައި އެންމެ ބޮޑަށް އެހީތެރިވެ ދެއްވީ ވެސް އޭނާ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އަދި އޭގެ ފަހުންވެސް އެންމެ އެހީތެރިވި ބޭފުޅަކީ އެއީ, އެހެންވީމާއި އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް, އެ ބޭފުޅަކަށްޓަކައި އެންމެ ފަހުރުވެރިވާ ބޭފުޅަކީ ވެސް އަބްދުއްރަހީމް"
ޑރ. މުހައްމަދު މުއިއްޒު

މި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ ފުރިހަމަ އަގުލަބިއްޔަތަކާ އެކު އަބްދުއްރަހީމް ހޮވައި ދިނުމަކީ ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު އުފާފުޅެއް ކަމަށެވެ.

އަބްދުއްރަހީމަކީ މި ސަރުކާރު ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރައީސް ޑރ. މުއިއްޒަށް ޕީއެންސީގެ ޓިކެޓް ހޯއްދަވައިދެއްވުމުގައި އެ ޕާޓީގެ ރައީސެއްގެ ގޮތުގައި ހުންނެވި އަދުރޭ ވަނީ, ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލުގައި އޮންނެވި އިރު ޕީޕީއެމް ހިންގެވުމުގައި ވެސް އެންމެ އިސް ލީޑަރަކަށް ހުންނެވި ފަރާތެވެ.

އަދުރޭގެ ކެމްޕއިން ޖަމްލާ މިރޭ ބާއްވާފައި ވާ އިރު އެ ޖަލްސާގައި އޭނާގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްވެސް ވާހަކަ ދައްކަވާފައި ވެއެވެ. އޭނާ ވިދާޅުވީ, މި ސަރުކާރު ދެމެހެއްޓުމަކީ ލ. އަތޮޅުގެ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އަމިއްލަ މަސްލަހަތު އިސްކޮށް ބައެއް ފަރާތްތަކުން އުޅެމުން ދާ ގޮތުން [ކުރަމުން ދާ ކަންކަމުން] ގޮނޑި ގެއްލުމުގެ ބިރު އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން އޮތް ހިތްހަމަނުޖެހުމެއް ވިއްޔާ އެއްކައިރިކޮށް އެންމެން އެކުވެރިވެ އެކުގައި މަސައްކަތް ކުރުމަށް އޭނާ ލ. އަތޮޅުގެ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

މި ޖަލްސާގައި އަބްދުއްރަހީމްވެސް ވާހަކަ ދައްކަވާފައި ވާ އިރު އޭނާ ވިދާޅުވީ, މިއީ ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށާއި މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. ރާއްޖޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އުފާވެރިކަން ހާސިލު ކުރުމާއެކު ގައުމު ބިނާ ކުރުމުގައި މަޖިލީހުގެ ދައުރުގެ މުހިންމުކަން ބޮޑު ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ, 20 ވަނަ މަޖިލީހަށް ކުރިމަތިލައިފައި ތިބި މީހުންގެ ތެރެއިން އެއްގޮތަކަށް ވެސް ވައްދަން ހެޔޮ ނުވާނެ 20 އަކަށް ކެންޑިޑޭޓުން އެބަތިބި ކަމަށާއި އެއީ މަޖިލީހުގެ މި ނިމޭ ދައުރުގައި ތިބެ މާލިއްޔަތު ހުސްކޮށް ގޮތް ނޭނގޭ އެގްރީމަންޓުތަކުގައި ސޮއިކޮށް ބޭރުގެ ސަރުކާރަށް އެއްބާރުން ދިން މީހުން ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އެމްޑީޕީއަށެވެ.

އޭނާ ވިދާޅުވީ, 3 ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއެއް [90 ދާއިރާ] ގައި ޕީއެންސީގެ ކެންޑިޑޭޓުން ތިބޭނެ ކަމަށާއި އެ އެންމެން ހޮވައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.