މި ސަރުކާރުން އެންމެ ފުރަތަމަ ފަށާ ހައުސިން މަޝްރޫގެ ދަށުން ހިޔާ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނި، ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ "ސުވާލާ ޖަވާބު" ޕްރޮގްރާމްގައި މާލެ ސިޓީ، ދަފްތަރު 12152، މުހައްމަދު ސަލީމް، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހިޔާ ފްލެޓް ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފްލެޓް ނުދީ ތިބި މީހުންނަށް މި ސަރުކާރުގެ އެންމެ ފުރަތަމަ މަޝްރޫއުގެ ތެރެއިން ފްލެޓް ދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންކަން ފާހަގަކޮށް މުހައްމަދު ސަލީމް ވަނީ އެ ފަރާތްތަކަށް ފްލެޓް ލިބޭނީ ކޮން އިރަކުންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ވެވަޑައިގެން ވައުދެއް ކަމަށާއި އެ ވައުދު ފުއްދާނެ ކަމަށެވެ. އަދި މި ސަރުކާރުން އެންމެ ފުރަތަމަ ފަަށާ ސޯޝަލް ހައުސިން އިމާރަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެޅޭ ފްލެޓްތަކުން އެ ބޭފުޅުންނަށް ފްލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެސް ކަހަލަ ހަމައެއްނެތި ރައީސް ސޯލިހްގެ ސަރުކާރުން އުނިކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު ވީ އެންމެ އަވަހަކަށް ފުއްދަވާނެ ކަމަށެވެ. އަދި މި އަހަރު ތެރޭގައި ހައުސިންގެ އާ މަޝްރޫއުތައް ފަށާ ގޮތައް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.