އިޒްރޭލުން ގާޒާގެ ހުރިހާ ދޮރެއް ބަންދުކޮށް ކާއެތިކޮޅާއި ފެންފޮދެއް ވެސް ލިބުނަ ނުދީ ހިފަހައްޓާ މީހުން މަރަމުން ގެންދާ ސިލްސިލާގައި ހާންތިވެގެން 31 ކުއްޖަކު މަރުވެއްޖެ ކަމަށް ޔުނިސެފުން ބުނެފިއެވެ.

ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ އެކިއެކި ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން މިސައިލް ހަމަލާދީ އެމީހުން ވެސް މަރަމުން ގެންދާ އިރު, މިހާރު ކުރިމަތި ކޮށްފައި ވާ ހާލަތީ, އިންސާނީ މުސީބާތެއްގެ ހާލަތެއް ކަމަށް އދ ގެ ޖަމްއިއްޔާތަކުން ބުނެއެވެ.

ޔުނިސެފުން ބުނީ ގާޒާގައި ތިބި އުމުރުން 2 އަހަރުން ދަށުގެ ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކީ ރަނގަޅު ކާނާ އެއްގޮތަކަށް ނުލިބޭ ކުއްޖެއް ކަމަށާއި ދިރިހުރުމަށް ބޭނުންވާ މިންވަރަށް ވެސް ކާއެތިކޮޅެއް ނުލިބޭ ތުއްތު ކުދިންވެސް ގިނަ ކަމަށެވެ.

ހާންތިވެ އަމިއްލައަށް ރޯލާނެހާ ހިތްވަރުވެސް އެކުދިންގެ ގައިގައި ނެތްކަން ހާމަ ކުރަމުން އެ ޖަމާއަތުން ބުނެފައި ވަނީ މި ހާލަތަކީ އިންސާނުން އަމިއްލަ އަށް ގެނައި ހާލަތެއް ކަމަށާއި ގާޒާގައި މި ވަގުތު އޮތީ ހަނގުރާމައެއްގައި މީގެ ކުރިން ކުރިމަރި ނުކުރާހާ ނިކަމެތި ހާލަތެއް ކަމަށެވެ. އެންމެންގެ ލޯ ކުރިމަތީގައި އެތައް ތުއްތު ކުދިންނެއް މަރުވެ ދާ އިރު, އާބާދީގައި ހިމެނޭ 1.5 މިލިއަން މީހުންގެ ތެރެއިން 570,000 އަށް ވުރެ ގިނަ މީހުން ތިބީ ހައިހޫނު ކަމުގައި އިއާދަ ނުކުރެވޭ ވަރުގެ މުސީބާތަކާ ކުރިމަތިވެ ހައިނޫނު ކަމުގެ ތުންފަތްމަތީގައި ކަމަށް ވެސް ބުނެއެވެ.

އިޒްރޭލުން ބުނަމުން ދަނީ, ގާޒާއަށް ކާބޯތަކެތި ވައްދާ ކަމަށެވެ. ނަމަވެސް އެހީދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ދުނިޔެ ބުނަނީ އެއީ ދޮގެއް ކަމަށެވެ. ދޭތެރެ އަކުން ގާޒާއަށް ވަންނަ އެހީގެ ޓްރަކަށް ވެސް ހަމަލާދީ މީހުން މެރުމުގެ އެތައް ޖަރީމާއެއް އިޒްރޭލުން ހިންގަމުން އަންނަ އިރު, ގާޒާގެ އެކިއެކި ދޮރާށިން ވަންނަ ޓްރަކްތައް ލޫޓުވާ އަދި ހުރަސް އެޅުމުގެ ކަންކަން އިޒްރޭލުގެ އާންމުންވެސް ގެންދަނީ ކުރަމުންނެވެ.