ޅަ އެމުރުގައި އެކި މީހުން އެކި ކަންކަން ކުރުމަށް ޝައުގުވެރިވެ އެކަންކަމަށް ލޯބި ޖެހުނު ނަމަވެސް ގިނަފަހަރަށް ބޮޑު ވާވަރަކަށް އެކަންކަން ދޫކޮށްލައެވެ. އެކި މީހުން ދައްކަނީ އެކި ސަބަބެވެ. އެއްބަޔަކު ބޮޑު ވަމުންއަންނައިރު އެހެން ކަންކަމަށް ލޯބި ޖެހޭއިރު އަނެއް ބަޔަކު ކުޑައިރު ލިބުނު ވަރަށް ބޮޑުވުމުން ވަގުތު ނުލިބުމުން ކުޑައިރު ޝައުގުވެރިކަން އުފެދުނު ކަންކަން ދޫކޮށްލައެވެ.
ނަމަވެސް ދިވެހިންގެ ތެރޭގައިވެސް މަދުންނަމަވެސް ކުޑައިރު ކުރި ކަންތައްތަކަށް ލޯބި ޖެހި ބޮޑުވުމުންވެސް އެކަންކަން ކުރާ މީހުން މަދެއް ނޫނެވެ. އޭގެ އެއް މިސާލަކީ ލ. ކުނަހަންދޫއަށް އުފަން ހަސަން ނަސްރުއެވެ. ނަސްރުއަކީވެސް ކުޑައިރު އާދަޔާ ހިލާފު ކަމަކަށް ލޯބި ޖެހުނު މީހެކެވެ. އޭނާގެ ޝައުގުވެރިކަން ދަމައިގަތީ މަންމަ ގެންގުޅޭ ސެންޓުފުޅި ތަކަށެވެ.
އުމުރުން 28 އަހަރުގެ ނަސްރު ބުނިގޮތުގައި ހަނދާން ހުންނަން ފެށީއްސުރެ އޭނާ ސެންޓަށް އާދަޔާ ހިލާފު ޝައުގުވެރިކަމެއް ހުރެއެވެ. އެދުވަސްވަރު ރާއްޖޭގައި މަޝްހޫރީ ބޮޑީ ސްޕްރޭ ނަމަވެސް ގޭތެރޭގައި މަދުން ނަމަވެސް ސެންޓު ގެންގުޅުމަކީ ނަސްރުގެ މި ޝައުގުވެރިކަމުގެ ފެށުމެވެ. އެގޮތުން ކުޑައިރުގެ ހަނދާންތައް އާ ކުރަމުން ނަސްރު ބުނީ މަންމަގެ ސެންޓު ފުޅިއެއް ފޮރުވައިގެން އުޅުނު ހަނދާނަކީ އަބަދުވެސް ނުފިލާނެ ހަނދާނެއް ކަމަށެވެ. އަދި އޭރު އެންމެ ކަމުދާ ސެންޓަކީ 'ރޮމޭންސް ފޯ މެން؛ އަދި 'ބްލޫ ފޯ މެން' ކަމަށް ނަސްރު ފާހަގަ ކުރިއެވެ.
ރަށުގައި އޯލަވެލް ނިންމުމަށްފަހު މާލެ އައުން ވެގެންދިޔައީ އަތަރު ފަދަ ސެންޓުގެ ގިނަ ބާވަތްތަކެއް ތައާރަފްވެ ސެންޓަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަން އިތުރުވެގެންދިޔަ ކަމެއް ކަމެއް ކަމަށް ނަސްރު ބުންޏެވެ. އަދި އެދުވަސްވަރުވެސް ޑިއުޓީ ފްރީ ޝޮޕް ފަދަ ތަންތަނުން އޮރިޖިނަލް ސެންޓުގެ ވަސް ބަލާ، އެތަންތަނުން ސެންޓު ގަތުމަކީ ނަސްރު އޭރުވެސް ކުރާ ހިތުން ކުރާ ކަމެކެވެ.
ސެންޓުގެ ތެރެއިންވެސް ސްވީޓް ވަސްތައް އެންމެ ކަމުދާ ނަސްރު ބުނި ގޮތުގައި މާލެ އައުމަށްފަހު އެންމެ ކަމުގޮސްގެން ބޭނުން ކުރީ 'ސްޓްރޯންގާ ވިތް ޔޫ' ސެންޓެވެ. އެއީ ގިނަ މީހުންނަށްވެސް އެ ދުވަސްވަރު ވަރަށް ކަމުދާ ސެންޓެއް ކަން ފާހަގަ ކުރަމުން ނަސްރު ބުނީ އޭނާ ޖަހާ ސެންޓު ކަމުގޮސްގެން ބޭނުން ކުރަނީ ކޮން ބާވަތެއްގެ ސެންޓެއްކަން ގިނަ ބަޔަކު އަހާ އޮޅުން ފިލުވާ ކަމަށެވެ.
މިހާރު 'އައިލެންޑް ޕާފިއުމް ބާ' ގައި ފުލްޓައިމް ސެންޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ނަސްރު ބުނީ، މި ދާއިރާއިން ކުރިއަށް ދިއުމަށް މިއީ ލިބުނު ވަރަށް ރަނގަޅު ހުށަހެޅުމެއް ކަމަށެވެ. ކޮވިޑްގެ އާލަމީ ވަބާއަށްފަހު 4 އެކުވެރިއެއްގެ ވިސްނުމާއި އަމިއްލަ ބުރަ މަސައްކަތުން 2022 ވަނަ އަހަރު ރާއްޖޭގައި މުޅިން އަލަށް ކަސްޓަމައިޒްޑް ސެންޓު ހެދުމުގެ ވިޔަފާރި ފެށި 'އައިލެންޑް ޕާފިއުމް ބާ' އިން ނަސްރު އަށް ހުށަހެޅީ އޭނާ އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ވަރަށް ރަނގަޅު ހުށަހެޅުމެކެވެ. އެއީ ސެންޓު ހެދުމާއި އެކަމާ ގުޅޭ އިތުރު ކަންކަމުން ޓްރެއިނިންގް ހެދުމަށް ފްރާންސަށް ދިއުމަށެވެ.
2021 ވަނަ އަހަރު ލިބުނު އެ ފުރުސަތަކީ ސެންޓު ހެދުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެ ޓްރެއިނިންގެ ސަބަބުން ކުރިން ނޭނގޭ އެތަށް ކަމެއް ދަސްވުމީ ސެންޓަށް ނަސްރުގެ ހިތުގައި ލޯބި އިތުރުވެގެންދިޔަ ކަމެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ. ފްރާންސް އަކީ ސެންޓުގެ ދާއިރާގައި ދުނިޔޭގެ އެންމެ މަޝްހޫރު ގައުމުކަން ފާހަގަ ކުރަމުން ނަސްރު ބުނީ އެ ގައުމުގައި ޓްރެއިނިންގް ހެދުމަށް ހޭދަކުރި ދުވަސްތަކަކީ އޭނާއަށް ވަރަށް ހާއްސަ ދުވަސްތަކެއް ކަމަށެވެ. އަދި އެ ދަތުރުގެ ތެރެއިން ސެންޓު ހެދުމަށް ބޭނުންވާ ނޯޓްސް ދެނެގަންނަން ފަސޭހަވެ ކަސްޓަމަރުން ބޭނުންވާ ފަދަ ވަސްތަކެއް ހެދުމަށް އިތުރު އުކުޅުތަކެއް ލިބިގެންދިޔަ ކަމަށް ނަސްރު ބުންޏެވެ.
ތިން ހަފްތާގެ ޓްރެއިނިންގް އަކަށްފަހު އޭނާ އެނބުރި ރާއްޖެއައިސް އައިލެންޑް ޕާފިއުމް ބާގައި ސެންޓުގެ 'ދުނިޔެއަށް' ފީނައިގަތް ދުވަހުން ފެށިގެން މިހާރުވެސް ކޮންމެ ދުވަހަކު ކަސްޓަމަރުން ބޭނުންވާފަދަ ވަސްތަކެއް ހެދުމަށް ނަސްރުގެ ވަގުތުތައް ހޭދަ ކުރަނީ އެކަމަށް އޮތް ލޯބީގެ ބޮޑު ކަމުންނެވެ. ފުރަތަމަ މި މަސައްކަތަށް ނުކުތް ދުވަސްވަރު 20 ވަރަކަށް ސެންޓުގެ ވަސްތައް ތައްޔާރު ކުރި ނަމަވެސް މިހާރު 300 އަށްވުރެ ގިނަ ވަސްތައް ނަސްރު ތައްޔާރު ކުރަނީ އެއްވެސް ޖެހިލުމެއްނެތިއެވެ.
މިހާތަނަށް ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ ނަސްރުގެ ހުރިހާ ވަގުތެއް ހޭދަ ކުރަނީ އޭނާއަށް ލިބިފައިވާ ސެންޓުގެ އިލްމުގެ ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންވާފަދަ ވަސްތަކެއް ގެނެސްދިނުމަށެވެ. މީގެ ކުރިން ހޮސްޕިޓަލިޓީ ދާއިރާގައި ތިން އަހަރު މަސައްކަތް ކުރި ނަސްރުގެ މި ބުރަ މަސައްކަތުގައި އޭނާއަށް ނުހަނު ގިނަ މީހުންގެ އެއްބާރުލުން ލިބޭކަން ފާހަގަކޮށް އެ އެންމެންނަށް އޭނާ ޝުކުރު އަދާ ކުރިއެވެ. އޭގެ ތެރޭގައި ރައްޓެހިންނާއި އާއިލާ އަކީ މިހާރު ހުރި ހިސާބަށް ވާސިލް ވުމަށާއި ކުރިމަތިވި ކޮންމެ ކަމެއްގައިވެސް ނަސްރުއަށް ހިތްވަރުދީ މި މަސައްކަތް ކުރުމުގެ ދެމިހުރުމުގެ އަސްލު ކަމުގައި އޭނާ ސިފަކުރިއެވެ.