ރޭ ވެސް ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރޭގެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ފުވައްމުލަކު ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ދިގުވާޑު ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ 11:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި 27 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާއިރު އެ މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގާފައިވާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހިއެވެ. އެ އެކްސިޑެންޓްގައި 32 އަހަރުގެ މީހަކަށް އަނިޔާވެ، ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާވެސް އިތުރުފަރުވާއަށް މާލެ ގެނެސްފައިވާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި ޒިބްރާ ކްރޮސް ޕޯސްޓް ދަނޑި ބިންދައިގެން ގޮސް ޕާކު ކޮށްފައިވާ ސައިކަލަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އަދި އަނިޔާ ލިބުނު މީހާގެ ބޮލުގެ ނާށިގަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ވާއަތް ފަޅިއަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ މީހާކު ވަނީ ބުނެފައެވެ.