މާލޭގެ އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފަންކާތައް ވަގަށް ނަގާކަން މިސްކިތްތަކުގެ ސީސިޓީވީ ފްޓޭޖްތަކުން ފެންނަން ފެށުމުން ފުލުހަށް ރިޕޯޓު ކުރުމާއެކު އެމީހާ ހައްޔަރު ކުރީ މި އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، ހައްޔަރު ކުރި ދުވަހުވެސް އޭނާގެ އަތުގައި ވަގަށް ނަގާފައި ވާކަމަށް ބެލެވޭ ފަންކާއެއް އޮތް ކަމަށާއި ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުން ދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައި ވަނިކޮށް މިހާރުވަނީ ހޯދާފައި ވާ ކަމަށާއި އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދި ކަމަށް ބުނެފައި ވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭޕްރީލް 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

މީނާ 15 ދުވަހަށް ބަންދު ކުރި އިރު މީނާ ވަގަށް ނަގާފައި ވާ ފަންކާތަކަކީ ތަޤްވާ މިސްކިތުގައި ހުރި ފަންކާތަކެކެވެ.

ފުލުހުން ބުނީ، މި މީހާއަކީ މިސްކިތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައި ވެސް ތުހުމަތު ކުރެވޭ މީހާ ކަމަށެވެ.

ފެން މޯޓަރު ނަގާފައި ވަނީ ދަރުމަވަންތަ މިސްކިތުންނެވެ.