މި ސަރުކާރުން މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށާއި މި ގައުމު ވެސް ހިންގާނީ ފައިސާ ޗާޕްނުކޮށް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޫނު ރައްދެއް އިދިކޮޅަށް ދެއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު ވެވަޑައިގެން ވައުދުފުޅުގެ ތެރެއިން ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ވެވަޑައިގެން ވައުދުފުޅުގެ ތެރެއިން ވައުދެކެވެ. މިރޭ ހިޔާ ސަރަހައްދުގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ ވައުދަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، ވެރިކަމަށް އައުމަށް ފަހު ފައިސާ ޗާޕްކުރުން ވާނީ ހުއްޓާލާފައި ކަމަށެވެ.

ފައިސާ ޗާޕްކުރުން ވާނީ ހުއްޓާލާފައި. ދެން މިކަން ހަޖަމް ނުވަންޏާ ނުވާންވީ، އެކަން އެއޮތީ ކޮށްފައި. އެކަން އެ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަނޑުން ގަބޫލު ކޮށްފައި. ވޯލްޑް ބޭންކުން އެކަން ފާހަގަ ކޮށްފައި. ފައިސާ ޗާޕް ނުކޮށް އަޅުގަނޑުމެން މި ގައުމު ހިންގާނީ."
ޑރ. މުހައްމަދު މުއިއްޒު

ފައިސާ ޗާޕް ކުރުން ހުއްޓާލައިގެން ގައުމު ހިންގަވާނެ ކަމަށާއި އެކަން ހަޖަމު ނުވާ ބަޔަކު ހަޖަމް ނުވެ ޖެހޭނީ ތިބެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފައިސާ ޗާޕްނުކޮށް ލިބޭ އާމްދަނީގެ ތެރެއިން މެނޭޖްކޮށްގެން 500 އެތައް މަޝްރޫއެއް މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލީ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް އެ މަޝްރޫއުތައް ހުއްޓާލީ މިދިޔަ ސަރުކާރުން ކަމަށާއި އެއީ ވެސް ފައިސާ ނުދެއްކިގެން ދިމާވި ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިވަގުތު މާލީ ހާލަތު ހުރި ގޮތް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އެންމެފަހުގެ ހިސާބުތަކަށް ބާލައިރު، މާޗް މަހުގެ 21 ވަނަ ދުވަހު ރާއްޖޭގެ ޕްރައިމަރީ ބެލެންސް އޮތީ ފައިދާގައި ކަމަށާއި އެއީ 134 މިލިއަން ރުފިޔާގެ އަރަނި ކަމަށެވެ. މިދިޔަ ސަރުކާރު އޮތް އިރު، މިދިޔަ އަހަރުގެ މާޗް މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ޕްރައިމަރީ ބެލެންސް އޮތީ 1.6 ބިލިއަން ރުފިޔާ ދަރަނީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. 1.6 ބިލިއަން ރުފިޔާގެ ދަރަނީގައި އޮތް އޮތުން 134 މިލިއަން ރުފިޔާގެ ފައިދާއާ ހަމައަށް ގެނެސްފައި މިވަނީ ފައިސާ ޗާޕް ނުކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރާ ހަވާލުވި އިރު ސޮވެރިން ޑިވެލޮޕްމަންޓް ފަނޑުގައި ހުރީ 2 މިލިއަން ޑޮލަރު ކަމަށާއި އެ އަދަދު ވެސް މި ސަރުކާރު އައިސް 4 މަސް ދުވަސްވީ އިރު ވަނީ 35 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިއަހަރު ނިމޭ އިރު، އެ އެކައުންޓަށް 100 މިލިއަން ޑޮލަރު ހަމަވާނެ ކަމަށާއި އެކަން ވެސް މި ކުރީ ފައިސާ ޗާޕް ނުކޮށް ކަަމށާއި އަދި އެތައް މަޝްރޫއެއް ވެސް ހިންގަމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެމްޑީޕީން އެންމެ އަޑު ބާރުކޮށް ދައްކާ އެއްވާހަކައަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ މާޗް މަހުގައި 2.6 ނުވަތަ 2.9 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގި ކަމަށާއި މި ސަރުކާރަށް ހިންގުނީ އެންމެ 1.1 ބިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް އެފަރާތްތަކުން ބުނާ ކަަމަށެވެ. މިއީ އޮޅުވާލުމެއް ކަމަށާއި އެ ބޭފުޅުން 2 ބިލިއަން ރުފިޔާގެ ލޯނެއް ނަގައި ހިންގީ 900 މިލިއަން ރުފިޔާގެ މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން 1.1 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގީ، ލޯނެއް ނުނަގައި، އޯވާ ޑްރާފްޓެއް ނުނަގައި، އަދި ފައިސާ ވެސް ޗާޕްނުކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަަމައެއާއެކު 1.1 ބިލިއަން ރުިފޔާގެ މަޝްރޫއުތައް ހިންގީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ވެސް 35 މިލިއަން ޑޮލަރު ވެސް ޖަމާކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.