މި ސަރުކާރުން ކުރާ މަސައްކަތާ ގުޅިގެން އެމްޑީޕީން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދު ދެއްވުމަށް މާދަމާ ރޭ ތަފްސީލާ އެކު ހުރިހާ ވާހަކައެއް ހިއްސާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
މުއިއްޒު މިހެން ވިދާޅުވީ، މައްޗަންގޯޅި އުތުރު ދާއިރާގެ ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދުގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިދިޔަ ސަރުކާރަށް ފާޑުވިދާޅުވަމުން ރައިސް މުއިއްޒު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އޭރު ވެރިކަމަށް އައީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހީގެ މައްސަލައަށް ހައްލު ހޯއްދައިދޭނެ ކަމަށް ބުނެގެން ކަމަށެވެ. ވެރިކަމާ ހަވާލުވުމަށް ފަހު ރައްޔިތުން މަޖިޅިހުގެ މެޖޯރިޓީ ވެސް ރައްޔިތުން ދިނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށާއި ނަމަވެސް ސަރުކާރާއި މަޖިލިސްވެސް އެމްޑީޕީގެ މުށުތެރޭގައި އިވެގެން 5 އަހަރު ނިމެިގެން ދިޔަ އިރު ވެސް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އެއަށް ފަހު ކައުންސިލް އިންތިހާބުގައި މުއިއްޒު ވާދަ ކުރައްވާ މާލޭގެ ރައްޔިތުންނަށް އެތައް ކަމެއް ކޮށްދިނުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ ރައްޔިތުން ވަނީ އެމަނިކުފާނަށް ފުރިހަމަ ތާއީދެއް ދެއްވާފައި ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މާލޭގެ މޭޔަރުކަމަށް ހަވާލުވެވަޑައިގަތުމަށް ފަހު މާލޭގައި ހުރި މައްސލަަތައް ހައްލު ކުރުމަށް ސަރުކާރާ އެކު މަޝްވާރާ ކުރެއްވި ކަމަށާއި އެ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަުދ ސޯލިހާ ބައްދަލު ކުރައްވައިގެން ދެއްކެވި ވާހަކަ ފުޅު މިރޭ މުއިއްޒު ވަނީ ހިއްސާ ކުރައްވާފައެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ގުޅީފަޅު ހިއްކަމުން އަންނަ އިރު އެތަނަށް ޕޯޓް ބަދަލު ކުރުމަކީ ރަނގަޅު ހިޔާލެއް ނޫން ކަމަށް ރައީސްގެ އަރިހުގައި ދެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ޕޯޓް ތިލަފުއްޓަށް ބަދަލުކޮށްފި ނަމަ ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދެވޭ ވަރުގެ ބޮޑު ޖާގައެއް ލިބިގެން ދާނެ ކަމަށް ވެސް ރައީސް ސޯލިހްގެ އަރިހުގައި މުއިއްޒު ދެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ތިލަފުށީ ހިއްކާކަށް ގަސްތު ނުކުރައްވާ ކަމަށާއި އެ ތަނަކީ ކުރިއަށް އޮތް 50 އަހަރުގައި މާލެއިން ގެންދާ ކުނި ވަޅުލައިގެން ހިއްކާ ތަނެއް ކަމަށް އެ ދުވަހު ރައީސް ސޯލިހް ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ތިލަފުށީ ހިއްކުމުގެ ޕްރޮޖެކްޓެއް ފެށި ކަމަށާއި މި ފަދައިން ކަންކަން މި ވަނީ ރައީސް ސޯލިހާއި ދައުލަތުގެ ކުންފުނިތަކާ މާ ގާތް ގުޅުމެއް ނެތުމުން ކަމަށް މުއިއްޒު ސިފަ ކުރެއްވިއެވެ.
މިދިޔަ ސަރުކާރާއި އަދި އޭގެ ކުރީ ސަރުކާރުން ކަން ކުރި ގޮތަށް ނުކުރައްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ. އެ ގޮތުން ދައުރެއް ފަސާއި ނިމުމާ ހަމައަށް ދަންދެން ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ނުގެންގޮސް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒުގެ ސަރުކާރުގައި އެންމެ ބޮޑު އިސް ކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދިނުމަށް ކަމަށާއި އެގޮތުން ވެރިކަމާ ހަވާލުވެވަޑަިއގަތްތާ 1 މަސްތެރޭ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެއްޓެވީ 5 އަހަރުގެ ދައުރު ނިންމާލާއިރު ރައްޔިތުންނަށް ވީ ވައުދު ފުއްދުމުގެ ބޭނުމުގައި ކަމަށް މުއއިްޒު ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެންމެ ބޭނުންވާ ކަމަކީ މިކަމުގައި އެއްބާރުލުން ދޭނެ ބޭފުޅުން މަޖިލީހުގެ ގޮނޑިތަކަށް ހޮވައިދިނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންނޫނިއްޔާ ބަޖެޓް ފާސްކުރަން ދިން އިރު ފުށިދިއްގަރުފަޅު ހިއްކުމަށް ހަމަޖެއްސި ބަޖެޓް އުނިކުރި ގޮތަށް އެފަދަ އެތައް ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ދުވަހު ބަޖެޓަށް ގެނައި އުނިކަމާއެކުވެސް ދައުލަތުގެ ބަޖެޓަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ރާވައި ކުރިއަށް ގެންދިޔަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމްޑީޕީން ފަތުރަމުންދާ ދޮގ ވާހަކަތަކަކީ އެމީހުން އަމިއްލަ އަށް ބޭޒާރުވާން ދައްކާ ވާހަކަތައް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެ ގޮތުން އިތުރު ތަފްސީލްތަކާ އެކު މާދަމާ ރޭ ހުރިހާ ވާހަކއެއް ހިއްސާ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.