ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލު ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި އެ ބިލް ފާސްކޮށްފައިވަނީ 33 މެންބަރުންގެ ވޯޓާއެކުގައެވެ. އެ ބިލާ ދެކޮޅަށް ހަ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގަނެ 7 މެންބަރުންގެ ކޮމިޓީއަކަށް ފޮނުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ. ޕީއެންސީން ވަގުތީ ކޮމިޓީއަކަށް ބިލު ފޮނުވުމަށް ދެކޮޅު ހެދުމާ ވެސް އެކު، އެ ކޮމިޓީ ފާސްކުރީ އެމްޑީޕީގެ ހަތް މެންބަރަކު ހިމަނައިގެންނެވެ.

އެމްޑީޕީގެ ފަރާތުން ހުށަހެޅި އެންޓި-ޑިފެކްޝަން ބިލުގައިވާ ގޮތުން، މަޖިލީހަށް ވާދަކޮށް އިންތިހާބުވި ޕާޓީން މެމްބަރަކު އަމިއްލަ އަށް ވަކިވެއްޖެނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެއެވެ. އަދި މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.

ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.