އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް އާސަންދައިން ތައާރަފް ކޮށްފިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެގޮތުގެ މަތިން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތަޢާރަފްކޮށް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމްތައްވެސް އެ ކުންފުނިން ހަޖައްސާފައިވާ ކަމަށް އާސަންދައިން ބުނެއެވެ.

އަދި މިއަދު ތައާރަފްކުރި މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖަށް ބަދަލުގެނެސްފައިވާ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދިފައެވެ.

އެގޮތުން މިއަދުން ފެށިގެން އިތުރުކުރުކޮށްފައިވާ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެވެ.

ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެ ކަމަށާއި އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.

އެކި އުމުރުފުރާތަކަށް މެޑިކަލް ޗެކަޕްގެ ހިދުމަތް ތަންފީޒު ކުރާ ތާރީހުތަކަށް ބަލާއިރު 01 ޖެނުއަރީ އިން ފެށިގެން އުމުރުން 50 އަހަރަށް ވުރެ މަތީގެ މީހުންނަށް އެ ހިދުމަތް ލިބުމުގެ އިންތިޒާމު ވަނީ މިހާރު ހަމަޖައްސާދީފައެވެ. އަދި 19 އަހަރާއި 34 އަހަރާއި ދެމެދު އުމުރު ފުރައިގެ މީހުންނަށް އެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ.

އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކަމާގުޅޭ ފަންނީ އެންމެހާ ފަރާތްތަކުގެ ލަފާ އަދި އިރުޝާދުގެ ދަށުން ކަމަށާއި އެގޮތުން އެކިއެކި އުމުރުފުރާތަކަށް ހާއްސަކޮށް ޕެކޭޖްތައް އެކުލަވާލާފައިވަނީ ކަމާގުޅޭ ޑޮކްޓަރުން އަދި ފަންނީ މާހިރުންގެ މަޝްވަރާއާއެކު ކަމަށްވެސް އެންސްޕާއިން ބުނެއެވެ.