ގާޒާގެ ދެކުނުގެ ނާބުލުސީ ސަރަހައްދުން އަމާންދީ ހިނގާފައި ދިޔަ ފަލަސްތީނުގެ 2 މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލުމަށް ފަހު އެމީހުންގެ ގައިމައްޗަށް ބުލްޑޯރުގައި ގޮސް އަރާ ގާކުނޑިތަކުގެ ތެރޭގައި ވަޅުލައިފިއެވެ.
މިހާދިސާގެ މަންޒަރުތައް އަލްޖަޒީރާއިން ދައްކާފައި ވާ އިރު ޔަހޫދީންގެ ވެހިކަލްތަކެއް މަގުގެ ދެފަރާތުގައި އޮތް އިރު އެ ދެމީހުން ދަނީ އެދެމެދުން މަގުގެ މެދުންނެވެ. އެކަކު އަމާން ދިދަ [ހަނގުރާމައިގެ ހާލަތްތަކުގައި ނުވަތަ ބަލި ގަބޫލުކުރާ ހާލަތްތަކުގައި އަމާން ދިންކަން ރަމްޒު ކޮށްދިނުމަށް އުފުލާ ހުދު ދިދަ] ނުވަތަ ހުތު ފޮތިގަނޑެއް ހޫރުވަމުން ދިޔަ މަންޒަރު ފެނެއެވެ.
އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަން އަންގައި ދިނުމަށް ހުދު ދިދަ ނަގައިގެން ދަނިކޮށް ބަޑިޖަހާ މަރާ ވައްޓާލީއެވެ. އަދި އެވަރުން ނުފުދިގެން ޔަހޫދީ ސިފައިން ވަނީ މާސިންގާ ބޮޑު ބުލްޑޯޒަރެއްގައި ގޮސް ވެއްޓިފައި ތިބި ދެމީހުންގެ ގައިމައްޗަށް އަރާ ޗިސްޗިސް ކޮށްލައި ވެލިތަކާއި ގާކުނޑީތަކުގެ ތެރޭގައި ވަޅުލާފައެވެ.
އަލްޖަޒީރާއިން ބުނީ މަރުވި ދެމީހުން މަސައްކަތް ކުރަމުން ދިޔައީ ގާޒާގެ އުތުރުގައި ހުންނަ އެމީހުންގެ ގެއަށް ދިޔުމަށާއި އެމީހުން ހިނގަމުން ދިޔަ އަލް ރަޝީދު ރޯޑުން ގޮސް ނާބުލުސީ ސަރަހައްދުން ކަމަށެވެ.
އިޒްރޭލުން މި ނުބައި ޖަރީމާ ހިންގާފައި މިވަނީ ހަމަލާތައް ހުއްޓާލުމަށް އދ ގެ ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރުމުން, އެ ކަމަށް އިޖާބަ ދޭން ދެކޮޅު ހަދާ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.
މިކަމާ ގުޅިގެން އިޒްރޭލުން ބުނެފައި ވަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. އަދި އަލްޖަޒީރާއިން ދެއްކި ވީޑިއޯ އަކީ އެޑިޓް ކޮށްފައި ވާ ވީޑިއޯއެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މި ހަމަލާ ހަމާސް އިން ކުށްވެރިކޮށް ބުނެފައި ވަނީ އެނގިގެން ދަނީ އިޒްރޭލުގެ ނުބައި ނުލަފާ ޔަހޫދީ ކަން ކަމަށާއި ގާޒާ ސްޓްރިޕް ގައި ދިރިއުޅޭ މީހުންނާ މެދު ހިންގާ ގަތުލުއާންމު ކަމަށެވެ. އަދި އެ މައްސަލަވެސް ބައިނަލްއަގުވާމީ ކޯޓުން ތަހުގީގު ކުރުމަށް އެ ޖަމާއަތުން ގޮވާލާފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމަށް އދ ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އިޒްރޭލުން އެކަމަށް ބޯލަނބާފައެއް ނުވެއެވެ. އަދި ބުނެފައި ވަނީ, އެއީ އިޒްރޭލު އޮތުމަށް ހުރަސް އެޅޭ ގަރާރެއް ކަމަށާއި ހަމަލާތައް ހުއްޓާލުމެއް ނެތް ކަމަށެވެ.
ގާޒާ ހަނގުރާމައަށް 6 މަސް ވެގެން ގޮސްފައި ވާ އިރު ޝަހީދު ކޮށްލި މީހުންގެ އަދަދު ވަނީ 32,000 ފަހަނައަޅާ ގޮސްފައެވެ. ޒަހަމްވި މީހުންގެ އަދަދު 80,000 އާ ގާތް ކޮށްފިއެވެ.