ލ. ގާދޫގައި ތަރައްގީކުރާ މެރިޓައިމް ހަބްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް "ކޮންޓްރެކްޓާ ފައިނޭންސިން" މިހާރު ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން ގާދޫގައި ތަރައްގީކުރާ މެރިޓައިމް ހަބްގެ މަސައްކަތްތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްޕީއެލް އިން ކުރަމުން އަންނައިރު، މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ގާދުގައި މެރިޓައިމްއާ ގުޅޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވިދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.

މިދިޔަ ހަފްތާ ތެރޭގައި އެމްޕީއެލްގެ އިސް ޓެކްނިކަލް ޓީމެއް ލ އަތޮޅަށް ދަތުރުކޮށް، ގާދޫގައި ހިދުމަތްތައް ފެށުމާ ގުޅޭ މަސައްކަތްތަކެއް ކޮށްފައި ވާއިރު އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް ވަނީ މި ދަތުރުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި ޓީމުގެ ފަރާތުން ލ. ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ގާދޫގައި ތަރައްގީކުރާ މެރިޓައިމް ހަބާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެއްވިއެވެ.

އެމްޕީއެލް އިން ގާދޫގައި ފީސަބިލިޓީ ދިރާސާތައް ކުރިއަށް ގެންގޮސްފައި ވާއިރު ގާދީ ތަރައްގީ ކުރަނީ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ހިމެނޭ "އިންޓަގްރޭޓަޑް ކޮންސެޕްޓް" އަކަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޕީއެލް އިން ބުނީ ގާދޫ ސަރަހައްދަކީ ގިނަ އުޅަނދުފަހަރު ދަތުރުކުރާ މަގަކަށް ވާއިރު މި ވަގުތު އެ ސަރަހައްދުން ބައިނަލްއަގްވާމީ އުޅަނދު ފަހަރަށް އެއްވެސް ހިދުމަތެއް ނުދޭތީ، އެންމެ އަވަހަށް އެ ސަރަހައްދުން ފެށެން އޮތް ހިދުމަތްތަކަށް އެ ކުންފުނިން ބޮޑު އަހަމިއްޔަތުކަމެއް ދީފައިވާ ކަމަށެވެެ.

އެގޮތުން އެ ސަރަހައްދުގައި ފޯރުކޮށް ދެވޭނެ ހިދުމަތްތަކުގެ ތެރޭގައި

  • ބަންކަރިން: އެ ސަރަހައްދުން ދަތުރުކުރާ ކާގޯ ވެސަލްތަކާއި، ކްރޫޒް / ޔޮޓްތަކަށް "އޮފް ޝޯ" ބަންކަރިން ހިދުމަތް ފޯރުކޮށްދިނުން.
  • ކްރޫޒް ޓާމިނަލް: ރާއްޖޭގައި އަދި މިހާތަނަށް ކްރޫޒް ލައިނާތަކަށް ހާއްސަ ސަރަހައްދެއް ނެތްއިރު ގާދޫގައި ކްރޫޒް ޓާމިނަލްއެއް ހެދުމުން، އެ ސަރަހައްދަށް ކްރޫޒް ލައިނާތަކަށް ދަތުރުކޮށް، މެރިޓައިމް ހަބްގައި ދެން ހުރި ހިދުމަތްތަކަށް ޑިމާންޑް އުފެދިގެން ދާނެއެވެ.
  • އިންޓަަގްރޭޓަޑް އީކޯ ޓޫރިޒަމް: ގާދޫގައި ޓޫރިސްޓް ހޮޓަލާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަގްރޭޓަޑް އީކޯ ޓޫރިޒަމް ކޮންސެޕްޓް ތައާރަފްކުރުމަށް ހަމަޖެހިފައިވާއިރު މީގެ ސަބަބުން ލާމު އަތޮޅުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
  • ކޯލްޑް ސްޓޯރޭޖް: ލާމު އަތޮޅަކީ ދަނޑުވެރިކަން ކުރާ އަތޮޅަކަށްވާއިރު، ކޯލްޑް ސްޓޯރޭޖްތައް ބޭނުންކޮށްގެން ދަނޑުވެރިން ހައްދާ ތަކެތި ރައްކާކުރެވޭނެއެވެ. މީގެ އިތުރުން، ސަޕްލައިގެ ހިދުމަތްވެސް ފޯރުކޮށްދެވޭނެއެވެ.
  • ޓްރާންޝިޕްމަންޓް: ޓްރާންޝިޕްމަންޓް ހިދުމަތް ތައާރަފްކުރުމުން ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ގާދޫ ތަރައްގީކުރެވިގެން ދާނެއެވެ.

މެރިޓައިމް ހަބްގެ ގާދޫގައި ތަރައްގީކުރުމުގެ މަސައްކަތްތައް ފެށުމުގެ ފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، ޕޯޓްގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދުގައި ސައިޓް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.