ޏ. ފުވައްމުލަކުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީ ކުރަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ޓުއަރިޒަމް ޒޯނު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އެ ސިޓީގެ އެއާޕޯޓާ އިންވެގެން އޮތް ހުސްބިން ކަމަށްވާ (ބިޅިފޭށި) ގައެވެ. މި އެއްބަސްވުމުގެ ދަށުން ޓުއަރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑު ނުވަތަ އިންވެސްޓަރުން ހޯދުންވެސް ހިމެނެއެވެ.

އެ ސަރަހައްދު ތަރައްގީ ކުރުމަށް ބޭނުންވާ ކޮންސެޕްޓު އެއްކޮށް ނިމިފައިވާއިރު ޓުއަރިޒަމް ޒޯނުގައި 108 ގެސްޓު ރޫމު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އެ ބިމުގެ ޒަރިއްޔާއިން ފުވައްމުލަކުގެ ރައްޔިތުންނަށް މަންފާ ކުރާނެ މަޝްރޫއެއް އެ ސަރަހައްދުގައި ގާއިމް ކުރުން ކަމަށްވެއެވެ.

މިފަދަ ތަރައްގީއެއްގެ ސަބަބުން ފުވައްމުލަކުގައިވާ އެހެން ގެސްޓުހައުސްތައް ދުނިޔޭގެ މާކެޓަށް ފުޅާވެ އެއާޕޯޓުގެ މޫވްމެންޓް އިތުރުވެގެންދާނެ ކަމަށް އާރްސީއެލް އިން ބުނެއެވެ. އަދި އިގްތިސޯދީ ގޮތުން އެ ސިޓީ ކުރިއަށް ގޮސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދިއުމަކީ އާރްސީއެލްގެ އަމާޒުކަމަށް އެ ކުންފުނިން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބަންޑާރަ ކިޅީގައި ހާއްސަ ހަފްލާއެއް ކުރިއަށް ގެންގޮސްފައިވާއިރު އާރްސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު މުބީންއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގުއެވެ.