ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނޭ ބަތަލާ ކަންގަނާ ރަނައުތު އިންޑިއާގެ އާންމު އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފިއެވެ.

އަންނަ މަހު ބާއްވާ އިންތިހާބަށް ބަތަލާ ވާދަކުރަން ނިންމާ އެކަން އިއުލާންކުރަމުން ކުރި ޓްވީޓެއްގައި ބުނީ އުފަން ސްޓޭޓް، ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑިއަކަށް ކުރިމަތިލާން ނިންމާފައިވާ ކަމަށާއި ދާއިރާއަށް ވާދަކުރަން ޓިކެޓް ދިން ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) ގެ އިސްވެރިންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

ހަރުކަށި ފިކުރު ގެންގުޅޭ ކޮންމެ ކަމެއްވެސް ކޮށްލަން ފަސްނުޖެހޭނެ ކަމަށް އިންތިފާގުވާ ބަތަލާ ކަންގަނާ ވަނީ އިންތިހާބުގައި ވާދަކުރަން އިއުލާންކުރުމުގެ ކުރިން ސިޔާސީ ދާއިރާއިން ފެންނަން އުޅޭކަމުގެ އިޝާރާތެއްވެސް ދީފައެވެ.

ކަންގަނާ ވާދަކުރަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާ އަށެވެ. ހަތަރު ފަހަރުގެ މަތިން ނޭޝަނަލް އެވޯޑު ހޯދާފައިވާ ކަންގަނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ތޭޖަސް" އިންނެވެ. ލޯކް ސަބާ އިންތިހާބު ފަށާނީ އަންނަ މަހުގެ 19 އިން ޖޫން މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. އިންތިހާބުގެ ނަތީޖާ ހާމަކުރާނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.