މި މަހުގެ ކުރީކޮޅު ރިލީޒް ކުރި މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" މިހާރު ނެޓްފްލިކްސުން ވެސް ބަލާލެވޭނެއެވެ.

"ތަލައިވީ" އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގައި ހަ ދައުރަކަށް ޗީފް މިނިސްޓަރުކަން ކުރެއްވި ޖަޔަލަލީތާގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ބަޔޮގްރަފިކަލް ފިލްމެކެވެ.

މި ފިލްމަށް ނުހަނު ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި ފިލްމު ވެގެން ގޮސްފައިވަނީ މި 2021 ވަނަ އަހަރުގެ މިހާތަނަށް ގެނެސްދިން ހިންދީ ފިލްމުތަކުގެ ތެރެއިން ކްރިޓިކުންނާއި ބެލުންތެރިންގެ އެންމެ ބޮޑު ސަޕޯޓު ލިބިގެން ދިޔަ އެއް ފިލްމަށެވެ.

ލިބުނު ތަރުހީބާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް ނެރުމަށް ނިންމާފައި ވާއިރު މިކަމާ ގުޅިގެން އެ ފިލްމުގެ ސްކްރީންޕްލޭގައި ބައިވެރިވި ލިޔުންތެރިޔާ ރަޖަތު އަރޯރާ ބުނެފައިވަނީ ޖަޔަލަލީތާގެ ވާހަކަ އެންމެ ފިލްމަކުން ނިންމާނުލެވޭނެ ކަމަށެވެ. އަދި އިންޑިއާގެ ވަރުގަދަ އަންހެން ސީޔާސީ ލީޑަރަކަށް ޖަޔަލަލީތާވެގެން ދިޔަ ގޮތް އިތުރަށް ކިޔައިދޭން ޖެހޭ ކަމަށް ރަޖަތު ވަނީ ބުނެފައެވެ.

ކަންގަނާއާ އެކު މި ފިލްމުގެ މުހިއްމު ރޯލަކުން އަރުވިންދު ސްވާމީ ފެނިގެންގޮސްފައި ވާއިރު މި ފިލްމުގައި ކަންގަނާ ދެއްކި މޮޅު އެކްޓިންއަށް ގިނަ ބެލުންތެރިން ވަނީ ތައުރީފު ކޮށް ސޯޝަލްމީޑިއާގައި ވެސް އެ ވާހަކަ ހިއްސާ ކޮށްފައެވެ.

ކަންގަނާއަކީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ މަޝްހޫރު ފިލްމީ ތަރިއެކެވެ.