ފިރިހެނެއްގެ އަތުގައި ހިފައިގެން ހުއްޓާ ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް ވައިރަލްވެ، އެ ފިރިހެން މީހާ އަކީ ކަންގަނާގެ އާ ލޯބިވެރިޔާކަމަށް ބުނި ނަމަވެސް އެކަން ބަތަލާ ދޮގުކޮށްފިއެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނޭ ބަތަލާ ކަންގަނާ ރަނައުތު ބުނީ އެ ފޮޓޯތައް ވައިރަލްވުމާއެކު އާންމުންގެ ގިނަ ބައެއްގެ އިތުރުން މީޑިއާތަކުން ވެސް ގިނަ ކޯލުތަކާ މެސެޖުތައް ލިބެމުން އަންނަ ކަމަށެވެ. ފޮޓޯ ވައިރަލްވުމާއެކު ބޮލީވުޑްގެ މީޑިއާތަކުން ކާފުރުތޮޅި އާ އެއްޗެހި އަޅާ ވާހަކަބޮޑުކޮށް ދެލޯބިވެރިންނަށް ހެދުމަށްފަހު ރިޕޯޓްކޮށްފައިވާ ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ. ބަތަލާ ބުނީ މަގުމަތިން ހިނގާފައިދާ ކޮންމެ އަންހެނަކާ ފިރިހެނަކީ ދެ ލޯބިވެރިން ނޫން ކަމަށާއި ދެމީހުންނަކީ ގާތް ރަހުމަތްތެރިއަކަށް، ކުލާސްމޭޓަކަށް، ވަޒީފާ މާހައުލުގެ އެކުވެރިއަކަށް ނުވަތަ އެއްބަނޑު މީހަކަށްވެސް ވެދާނެ ކަމަށެވެ. އޭނާ އާއެކު އަތުގައި ހިފައިގެން ހިނގާފައި ދިޔައީ އޭނާގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ އޭނާގެ ހެއާސްޓައިލިސްޓް ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ދާދިފަހުން ކަންގަނާ ވަނީ ކައިރި މުސްތަގްބަލެއްގައި ކައިވެންޏެއްކޮށް ދަރިން ހޯދަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ. ބަތަލާ ކަންގަނާ ލޯބީގެ ގޮތުން ގުޅުނު ބައެއް ތަރިންގެ ތެރޭގައި ރިތިކް ރޯޝަން އަދި އަދިޔަޔަން ސުމަން ހިމެނެއެވެ. ބަތަލާ އެކްޓަރު އަޖޭ ދޭވްގަން އާ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑު އެއްއިރެއްގައި ވަނީ ފެތުރިފައެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކުޅަދާނަ ތަރި ކަންގަނާގެ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ތޭޖާސް" އެވެ.