ޖަޕާނުން 370،000 ޑޮލަރުގެ އެހީ ދިނުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޖަޕާނާއެކު ރާއްޖޭން ހަދާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކަސްޓަމްސްއަށް ޕެޓްރޯލްކުރާ އުޅަނދެއް ދިނުމަށް އަދި އެ އުޅަނދު އޮޕަރޭޓުކުރުމަށް ބޭނުންވާ އާލަތްތައް ހޯދުމަށް ދިން އެހީގެ އެއްބަސްވުމެކެވެ.

މި އުޅަނދު އޮޕަރޭޓުކުރުމަށް ދޭ 370،000 ޑޮލަރުގެ އެހީގެ އިތުރުން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް 1.72 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއް އަދި ގުދުރަތީ ކާރިސާތަކުގައި ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީގެ ގާބިލުކަން އިތުރު ކުރުމަށް 3.97 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެއްވެސް ވަނީ ހަދާފައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތެކެއުޝި މިދޮރީއެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ މި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓްރީގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ޖަޕާނުން ރާއްޖެއަށް ދެމުން ގެންދާ އެހީތަކަށް ޝުކުރު އަދާ ކުރައްވާ، ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ އާއި ކަސްޓަމްސް އަދި ޖަޕާނު އެމްބަސީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.