ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެތަން މިތާނގައި މިހާރުވެސް އިޒްރޭލުން ގަވައިދާ ހިލާފަށް ވަޒަންވެރި ވެފައި ވާ އިރު އިތުރުން 800 ހެކްޓަރު (60 ފްޓްބޯޅަ ސްޓޭޑިއަން) ނެގޭވަރުގެ ބިން އަމިއްލަ ކޮށްފި ކަމަށް އިޒްރޭލުން އިއުލާން ކޮށްފިއެވެ.

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮރިޗް އެކަން އިއުލާން ކުރަމުން ބުނެފައި ވަނީ, ހުޅަނގު އައްސޭރީގެ 800 ހެކްޓަރު ނުވަތަ 1977 އޭކަރުގެ ބިމަކީ މިހާރު އިޒްރޭލުގެ އަމިއްލަ މިލްކެއް ކަމަށާއި އެސަރަހައްދުތަކަށް ޔަހޫދީ އާބާދީތައް ފަތުރާލާނެ ކަމަށެވެ.

އިޒްރޭލުން މިކަން އިއުލާން ކޮށްފައި މިވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން އިޒްރޭލަށް ވަޑައިގެން ބޮޑުވަޒީރު ނަތަންޔާހޫ ބައްދަލު ކުރެއްވި ފަހުންނެވެ.

ބިންތައް އަމިއްލަ ކުރިކަން ހާމަ ކުރަމުން ބެޒާލެލް ބުނެފައި ވަނީ ބައިނަލްއަގުވާމީ ޕްރެޝަރަކަށް ބެލުމެއް ނެތް ކަމަށާއި އާބާދީތައް ފަތުރާލުމަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށެވެ.

ބައިބަލްގައި އެ ސަރަހައްދުތަކަށް ބޭނުން ކޮށްފައި ހުންނަ ނަންތައް 'ޖުދީ އަދި ސަމަރިއާ' ގެ ނަމުން ނަން އިއުލާން ކުރަމުން އޭނާ ބުނީ އެތަންތަނުގެ އިތުރުން މުޅި ގައުމު ]ފަލަސްތީނުގެ ބިން[ އަކީ އެމީހުންގެ ތަންތަން ކަމަށާއި ރޭވުންތެރިކަމާއެކު މުޅި ގައުމަށް އާމާދީ ފަތުރާލާނެ ކަމަށެވެ.

މި ބިންތައް އަތުލައި އެއް ސަރަހައްދަކީ އުރުދުންގެ ވާދީގައި އޮންނަ ސަރަހައްދެކެވެ. އެއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުވާ ދުވަހަކުން ފަލަސްތީނު ފަތުރާލަން އޮތް ސަރަހައްދުތަކުގެ ތެރެއިން ތަނެކެވެ.

އިޒްރޭލުން ގަދަކަމުން ބިންތައް ހިފާ އާބާދު ކުރާ މައްސަލައިގައި މީގެ ކުރިން އެމެރިކާއިން ވާހަކަ ދައްކާފައި ވާ އިރު ބުނެފައި ވަނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

މި މައްސަލައިގައި އިޒްރޭލުގެ ބައިވެރިޔާ ޖަރުމަނުންވެސް ބަސް ބުނެފައި ވެއެވެ. އެގައުމުން ނެރުނު ކުރު ބަޔާނެއްގައި ބުނީ, ފަލަސްތީނުގެ ބިންތައް ގަދަކަމުން އަތުލައި އާބާދީތައް ފުޅާ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނުތަކާ ފުށޫއަރާ ކަމެއް ކަމަށެވެ.

ފަލަސްތީނުގެ ސަރުކާރުންވެސް މި މައްސަލަ ކުށްވެރި ކޮށްފައި ވާއިރު އެކަމާ މެދު އިޒްރޭލުން ދީފައި ވަނީ ބީރު ކަންފަތެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަސް ނިމުނު އިރު ހުޅަނގު އައްސޭރިން ފޭރި ގަނެ އިޒްރޭލުން ހަދާފައި ވާ 144 ސެޓްލްމަންޓް [އަވަށްތަކެއް] އެބައޮތެވެ. އެ ހުރިހާތަނެއްގައި އިޒްރޭލަށް ނިސްބަތްވާ 670,000 މީހުންގެ އާބާދީއެއް މިހާރު ވެސް އެބައޮތެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި 100 އަށް ގިނަ އައުޓްޕޯސްޓް (އިޒްރޭލުން ރަސްމީކޮށް އަމިއްލަ ނުކުރާ ނަމަވެސް ބަޔަކު ދިރިއުޅޭ) އެބައޮތެވެ. މީގެ އިތުރުން ސީރިއާގެ ގޯލާންގެ އުސް ބިންތަކުގައި 25,000 މީހުން ވަނީ ވަޒަންވެރި ކުރުވާފައެވެ. އަދި މިސްރުގެ ސައިނާ ވާދީގައި 18 ސެޓްލްމަންޓް ހަދާފައި ވެއެވެ.

ރޭވިގެން ތަރުތީބުން ފަލަސްތީނުގެ ބިންތަކުގެ ތެރެއަށް އިޒްރޭލުން ވަންނަމުން ދާ އިރު މިހާރު ކުރިއަށް ދާ ގާޒާ ހަނގުރާމަ އަށް ފަހު އިޒްރޭލުން ނިންމާފައި ވަނީ ގާޒާ ދެބުރި ކޮށްލައި އެއްބުރީގެ ފުލް ކޮންޓްރޯލް ނެގުމާއެކު ގާޒާގެ ދެކުނު ބުރީގައި ވެސް އިޒްރޭލުގެ ކޮންޓްރޯލް އޮންނަ ގޮތަށް ކަންކަން ތަރުތީބު ކުރުމަށެވެ.