މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ވަގުތެއްގައި ރާއްޖޭގެ 3 ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންއާ ސުވާލު ކުރަން މާދަމާ މަޖިލީހުގައި އެޖެންޑާ ކޮށްފިއެވެ.

ޣައްސާން މާދަމާ މަޖިލީހަށް ހާޒިރު ކުރަން ނިންމާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީ ވުމަށެވެ.

ހަސަން ލަތީފް ހުށަހަޅުއްވާ ސުވާލުތަކުގެ ތެރޭގައި ރާއްޖޭގެ މަސްބޯޓުތަކަކަށް އިންޑިއާގެ ސިފައިންގެ ބަޔަކު އަރާފައިވާ ކަމަކީ ދިވެހިން އިންތިހާއަށް ކަންބޮޑުވެ ބިރުގަނެފައިވާ ކަމަކަށްވީ ހިނދު އެކަން ހިނގާފައިވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައި ކަން ނުވަތަ އެ ސަރަހައްދުން ބޭރުގައިކަން މިހާރު ސަރުކާރަށް ކަށަވަރު ކުރެވިފައިވޭތޯއެވެ. އެކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލު އޮޅުންފިލުުމުގެ އިތުރުން އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަން ސާދު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިންޑިއާގެ ސިފައިން އެރީ "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ. މި މައްސަލަ ފެންމަތިވި އިރު، އިންޑިއާ ސިފައިން އެ ދޯނިތަކަށް އރަާ ތިބޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި އިންޑިއާގެ އަސްކަރިއްޔާގެ މަނަވަރެއް ކައިރިކޮށްފައި އޮތެވެ. އަދި ދޯނިތަކަށް އިންޑިއާގެ ސިފައިން އަރާ ތިބި އިރު އެ ސިފައިން ތިބީ ހަތިޔާރާއެކުގައި ކަން ފެނެއެވެ. އަދި އެ ދޯނިތަކުގެ ފަޅުވެރިން ދިރުނބާ ކޮޅަށް އެއްކޮށްފައި ތިބޭ ތަން ވެސް ފެނެއެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖޭގެ މަސް ދޯންޏަކަށް އެރި ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ އެ ދޯނި ހިފަހައްޓާފައިވާ ސަރަހައްދަށް ގޮސްފައެވެ. އެ ދޯންޏަށް އެރީ ކޮން ގައުމެއްގެ ސިފައިން ކަން މިހާތަނަށް އައި އިރު ވެސް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެެވެ.

މިކަމާ ބެހޭ ގޮތުން ބޮޑު ކަންނެލި މެސްވެރިންގެ ޔޫނިއަންއިން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ މަހިބަދޫ 'އަސުރުމާ 3' ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިފައު ވާ ކަމަށް ބުނެފައެވެ. މިކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޔޫނިއަންއިން ވަނީ މިކަން ތަހްގީގު ކުރުމަށް ގޮވާލާފައެވެ.