ހުޅުމާލެ 2 ގައި ބަހައްޓާފައި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ސްޓެލްކޯ އިން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. މި ހާދިސާގައި މަރުވީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް" ގައި ވިދާޅުވީ، އެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން މީޑިއާ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލެ ފޭސް2 ހިޔާ ސަރަހައްދުގައި ޕެޓްރޯލްކުރަމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް އެޗް03 ކައިރީ ހުންނަ ޓްރާންސްފޯމަރު ތެރޭގައި ކަރަންޓުގައި ޖެހި، އަނިޔާތަކާ އެކު ވެއްޓިފައިވާ މީހަކު ފެނިފައިވާކަމަށެވެ. ރޭ ފަތިހު 4:07 ހާއިރު އެ މީހާ ފެނުމާއެކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާ މި މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.

މާލޭގެ އެކިއެކި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ ފަހުމީ ކުރެއްވި ޕޯސްޓެއްގައިވަނީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިގެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު އަދި ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމުންކަމަށް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.