މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ 25 މަޝްރޫއުއެއްގެ މައްސަލަ އެކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަތައް އޭސީސީއަށް ހުށަހެޅިކަން ހާމަކޮށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި އެ މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި 25 މަޝްރޫއެއްގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިއީ އިން ހައުސް [ކުންފުނިން އަމިއްލައަށް] ކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން މަޝްރޫއުތަކެއް ކަމަށް މުއާޒް ވިދާޅުވިއެވެ. މި މަޝްރޫއުތަކުގެ ސަބަބުން ފެނަކައަށް އެތަށް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި މީގެ ސަބަބުން އެތައް ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވި ކުންފުނި ބޮޑުތަނުން ދަރާފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

އަދި މި މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލަ އަވަހަށް ބަލާ ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ފެނަކަ ކުންފުނިން ކޮށްފައިވާ ހަރަދުތައް މުއާޒް ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. އެގޮތުން ކުންފުނީގެ ދަރަނި 871 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި، އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ [ޖުމްލަ 4.16 ބިލިއަން ރުފިޔާ] ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ފައިސާ ދޭން ޖެހޭ ކުންފުނިތަކަށް އެއް ފަހަރާ ފައިސާ ދޭނެ ޤާބިލްކަން ކުންފުނީގައި ނެތްނަމަވެސް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ހުރިހާ ފައިސާއެއް ހަލާސްކުރަން މަސައްކަތް ކުރާ ކަމަށެވެ.